ކުލަގަދަ ރަސްމިއްޔާތަކާއެކު ފަލާހް ޕްރީސްކޫލުގެ ރަންޔޫބީލް މިއަދު ފާހަގަކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި މި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި އެ މަނިކުފާނު ވަނީ ފަލާހް ޕްރީސްކޫލްގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފައެވެ.
މީގެ އިތުރުން، ފަލާހް ޕްރީސްކޫލަށް 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދެއްވި ހަނދާނީ ފިލާ ވެސް ރައީސް ވަނީ އެ އެ ފަރާތްތަކާ ހަވާލުކޮށްދެއްވައިފައެވެ. އަދި އެ ސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުން އެރުވުން ވެސް މި ޖަލްސާގައި ކުރިއަށްދިޔައެވެ.
މި ޖަލްސާގައި ފަލާހް ޕްރީސްކޫލްގެ ފަރާތުން ވަނީ ރައީސަށް ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް އަރުވައިފައެވެ. އެ މަނިކުފާނަށް މި ފިލާ އަރުވައިދެއްވީ ފަލާހް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްގާރީ އަލްހާފިޒު އަބްދުއްސައްތާރު އަބޫބަކުރެވެ.
ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާހް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާހުން 1976 ވަނަ އަހަރު "މަދްރަސަތުލް ފަލާހް" ގެ ނަމުގައި އެ ސްކޫލު ފުރަތަމަ ހުޅުވާފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައެވެ. ނަމަވެސް، 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތައުލީމީ ގްރޭޑްތައް ތައާރަފުކުރުމަށްފަހު، ސްކޫލުގެ ނަން ވަނީ "ފަލާހް ޕްރީސްކޫލް" ގެ ނަމަށް ބަދަލުކޮށްފައެވެ.
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ކޮމެންޓް