ފުރަތަމަ އީ ޕެޓިޝަންގެ ގޮތުގައި، "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" އިސްލާހު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ އީ ޕެޓިޝަނަށް މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއީ އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) އެއް މިދިޔަ ފެބްރުއަރީމަހު ތައާރަފުކުރި ފަހުން ހުށަހެޅި ޕެޓިޝަންތަކުގެ ތެރެއިން މަޖިލީހުގައި ބަހުސް ކުރުމަށް ބޭނުންވާ ވަރަށް ސޮއި ހަމަވި ދެ ޕެޓިޝަނެވެ.
މީގެ ތެރެއިން އެއް ޕަޓިޝަނަކީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ.
އަނެއް ޕެޓީޝަނަކީ އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓިޝަނެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ދެ ޕެޓިޝަނަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ޕެޓިޝަން ކޮމިޓީން މަޖިލީހަށް ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައެވެ.
މެންބަރު އަބްދުލްހައްނާން ހުށަހެޅުއްވި ބިލާ ބެހޭގޮތުން ތިން އީ ޕެޓިޝަނެއްގައި މަޖިލީހުގައި ސޮއިކުރަން ހުޅުވައިލިއެވެ.
ފުރަތަމަ ސޮއިކުރަން ފެށި ޕެޓިޝަނަކީ، މި ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށްބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަނެކެވެ. ސ. މަރަދޫ، އައްސޭރި، މިދުއަމް ސައުދު މިމަހުގެ ހަތްވަނަ ދުވަހު ސޮއިކުރަން ހުޅުވައިލި މި ޕެޓިޝަނުގައި 2307 މީހުން ވަނީ ސޮއިކޮށްފައެވެ.
ދެވަނަ ޕެޓިޝަނަކީ، ސ. މީދޫ، ބިނާ، މުހައްމަދު ޝާތިރު މިމަހު 16 ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ވަނީ އެ ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާހަކަށް ވާތީ ހުށަހެޅިފައިވާ ގޮތަށް އެ އިސްލާހު ފާސްކޮށްދިނުމަށް ގޮވާލައިފައެވެ.
ތިންވަނަ ޕެޓިޝަނަކީވެސް، ހުށަހެޅިފައިވާ ގޮތަށް އެ ބިލު ފާސްކޮށްދިނުމަށް ގޮވާލައި މިމަހު 18 ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނެކެވެ. މާލެ، ސަންފާ މަންޒިލް، އަލީ ނަބީލް ހުށަހެޅި މި ޕެޓިޝަންގައި 10150 މީހުން ވަނީ ސޮއިކޮށްފައެވެ.
މި ހުރިހާ ޕެޓިޝަކަށްވެސް ވަނީ މަޖިލީހުގައި ބަހުސް ކުރަން ބޭނުންވާ އަދަަދަށް ސޮއި ހަމަވެފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް