ހައިކޯޓުގެ އަމުރާ ގުޅިގެން އަލުން ބަލަން ފެށި، ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ސިއްރު ހެކިވެރިޔާ ހެކިބަސް ގެންދަން އެދޭ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުނެފިއެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ކުރިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ނަމަވެސް ޔާމީން މަރާލުމުގެ ކުށް ސާބިތުވީ އިސްމާއީލް ހައިޝަމާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ހައިޝަމްގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިޝަމާއި ޒިހާންގެ ފަރާތުން އެ މީހުންނަށް ހުކުމް ކުރި މަސަލަވެސް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ.
އެއީ އެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިއެއްގެ ހެކިބަސް އަނބުރާ ގެންދަން ނިންމައި ފޮނުވި ސިޓީއަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ އެގޮތުުން ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، ފުލުހުން ބިރުދައްކާފައިވާތީ ކަމަށްބުނެ ހެކިބަސް އަނބުރާ ގެންދަން ހެކިވެރިޔާގެ ސިޓީގައި އެދިފައިވާ އިރު، ޝަރީއަތުގެ މީގެ ކުރީގެ އެއްވެސް މަރުހަލާއެއްގައި އޭނާ އެހެން ބުުނެފައިނުވާ ސަަބަބެއް ހެކިވެރިޔާއަށް ބުނެދެވިފައިނުވާ ކަމަށެވެ.
ޔާމީނަށް ހަމަލާދިނުމަށްފަހު ބަޔަކު ނިކުމެގެންދިޔަ މަންޒަރު ފެނުނު ކަމަށްބުނެ އޭނާ ހެކިބަސްދީފައިވާ އިރު، ވީޑިއޯ ފުޓޭޖުތަކުން ވެސް ހެކިވެރިޔާ އެތަނުގައި ހުރިކަން އެނގެން ހުރުމުން، އެ ހެކިވެރިޔާ ހެކިބަސް ދިނީ ހަގީގަތެއްގެ މައްޗަށްކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެއަށްފަހު، އޭނާ ހެކިބަސް އަނބުރާ ގެންދަން އެދޭ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށާއި، ހެކި އަނބުރާ ގެންދަން ފޮނުވި ސިޓީއަށް ބުރަދަން ދޭންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ދައުލަތުން ބުންޏެވެ.
ނަމަވެސް ހައިޝަމާއި ޒިހާންގެ އިތުރުން އިސްމާއިލް އާއި ދިފްރާންގެ ވަކީލުން ބުނީ ސިއްރު ހެކިވެރިޔާ ހެކިބަސް ދިނުމުގެ އެއް ދުވަސް ކުރިން ފުލުހަށް ގެންދިޔަ ކަމަށް އޭނާގެ ފުރަތަމަ ހެކިބަހުގައި ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭރު އޭނާ ފުލުހަށް ހާޒިރުކުރި މަގުބޫލު ސަބަބެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ދިފާއީ ވަކީލުން ބުނީ ސިއްރު ހެކިވެރިޔާ އެންމެ ފުރަތަމަ ހެކިބަސް ދިނީ ވެސް ސުވާލު އުފެދޭ ގޮތަށް ކަމަށެވެ. އެގޮތުން މާސްކް އަޅައިގެން އިސްތަށިގަނޑެއް ޖަހައިގެން ތިބި ކަމަށް ބުނާ ބަޔަކު ހަމަލާދިންތަނުން ނިކުމެގެންދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ބުނި އިރު، އެއީ ވަކި ބަޔަކުކަން ޔަގީންކަމާއެކު ބުނަން އެނގުނު ގޮތެއް ހެކިވެރިޔާއަށް ބުނެނުދެވުނު ކަމަށް ވަކީލުން ބުންޏެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް