ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުހަލާގައި މައްސަލައެއް ފާހަގަވެއްޖެނަމަ ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްގެންދާ އިރު، ހުށަހަޅާފައިވާ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކުންނާއި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، އެޕްލިކަންޓް ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވޭނެއެވެ.

ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެޕްލިކޭޝަނާ ގުޅިގެން ފާހަގަކުރާ މައްސަލަތަކަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންޖެހޭނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް ކަމަށާއި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތަކުން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމު ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. ސަރުކާރުން މިހާރު އަންނަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތްކުރަމުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށްވުރެ ގިނަ ފޯމެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. ނަމަވެސް މިހާރު ހުޅުވާލާފައިވާ މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރާނީ 15,000 ގޯއްޗެވެ.

މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވަނީ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ޗެކްކުރުމަށްފަހު މިއަހަރުގެ ތެރޭގައި ލިސްޓް އިއުލާނު ކުރާނެ ކަމަށާއި ގޯތީގެ މަޝްރޫއާ ގުޅޭ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ ހާއްސަ ސަމާލުކަމެއްދީގެން އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމެއްނެތި ކަމަށެވެ. މީގެ ކުރީގެ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވައިގެން ބައެއް ފަރާތްތަކުން ނުހައްގުން ފްލެޓާއި ގޯތި ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވެ އެކަހަލަ އެއްވެސް ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން ރައްޔިތުންނަށް ދެމުން އަޅުގަނޑުމެން އެކަން [ގޯއްޗާއި ފްލެޓް ދިނުން] މިކުރަނީ." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭ އެއްޗަކަށް ނުވާނެ ކަމަށެވެ.

"އެ ޔަގީންކަން އަޅުގަނޑުދެން، ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހަކަށް ހައްގުވީމަ" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގޯއްޗާއި ފްލެޓްތައް ދިނުމުގެ ކުރިން ހުށަހަޅާފައިވާ ތަފްސީލްތައް ވެރިފައިކުރުމަށްފަހު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާނެ ކަމަށާއި އެހެންވެ އެކަމަށް އެކަށީގެންވާ ވަގުތުދޭން ނިންމާފައިވާ ކަމަށެވެ.