އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަނުގައި އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި 10،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ސ. މީދޫ، ބިނާ، އަހްމަދު ޝާތިރު، މަޖިލިސް ސައިޓުގައި ސޮއިކުރަން ހުޅުވާލާފައިވާ މި އީ ޕެޓިޝަންގައި މިހާތަަނަށް 10،150 މީހުން ވަނީ ސޮއިކޮށްފައެވެ.

މި ބިލު އަނބުރާ ގެންދަން ގޮވާލާ އީ ޕެޓިޝަނެއްގައިވެސް ސޮއިކުރަން ވަނީ ފަށައިފައެވެ. ނަމަވެސް އެ ޕެޓިޝަނަށް ލިބިފައިވަނީ 2307 ސޮޔެވެ. އެހެންކަމުން މި ދެ ޕެޓިޝަނަކީވެސް މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން މަޖިލީހުގައި ބަހުސް ކުރުމަށް ބޭނުންވާ ވަރަށް ސޮއި ލިބިފައިވާ ދެ ޕެޓިޝަނެވެ.

މި ޕެޓިޝަންތަކުގައި ހިމެނޭ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލް މެންބަރުގެ ސުލޫކީ މިންގަނޑު ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 16 ވަނަ ބާބުގައެވެ. އެގޮތުން ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެންޖެހޭ އާންމު އުސޫލު ކަމަށް ހަތް ކަމެއް ކަނޑައަޅައި، ކައުންސިލަރުންނަކީ އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމަށް އެ ބާބުގައި މިހާރު އޮތީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ ހަތް ކަންތައް:

  • ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން
  • ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން
  • ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހުލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން
  • ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން
  • ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން
  • ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގުތިސާދުކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި ރަސްމީ ބޭނުންތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން
  • ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން

ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ކަންކަމުގެ ތެރެއަށް ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން، އެ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ފަސް ކަމެއްވެސް އެ ބާބުގައި މިހާރު ކަނޑައަޅާފައި އޮވެއެވެ.

އެ ފަސް ކަމަކީ:

  • ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން
  • ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން
  • އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން
  • ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއްކުރުން
  • އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލުކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރުން

މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ފަސް ކަމުގެ ތެރެއަށް، ސަަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލު ކުރުން، ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން، އިތުރުކުރަން ބިލުގައި ވަނީ ހުށަހަޅައިފައެވެ.