މާލެ ސަރަހައްދުގައި ފެންޕްލާންޓުތައް ބެހެއްޓުމަށް ބިމުގެ ޖާގައިގެ ދަތިކަން ހުރުމުން، މާލެ އާއި ވިލިމާލެ ބުރިޖު ދަށުން، 500 މީޓަރު ކަނޑުގެ އަޑީގައި ފެން ޕްލާންޓް ބެހެއްޓުމަށް ދިރާސާކުރަން ފަށާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، އެމްޑަބްލިޔުއެސްސީން ކުރިއަށް ރާވާފައިވާ މަސައްކަތުގެ ތެެރެއިން ދެން އެންމެ އަވަހަށް ފަށަން ގަސްތުކުރާ މަސައްކަތަކީ ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގައި ފެން މާލެއަށް ސަޕްލައި ކުރުމުގެ މަސައްކަތް ކަމަށެވެ.
"ދެން ފަށާނީ އެންމެ ބޮޑު މަޝްރޫއުއަކީ ތިލަފުއްޓާ ދެމެދު އެޅޭ ބުރިޖުގައި ފެން މާލެއަށް ސަޕްލައި ކުރުމުގެ މަސައްކަތް. ސަރުކާރުގެ ޕްލޭން ހުރީ، ތިލަފުށިން ސަރުކާރުގެ ތަނެއްގައި ފެނުގެ ސްޓޯރޭޖު އެސްޓެބްލިޝްކޮށްފައި މާލެއާއި ހުޅުމާލެއަށް ސަޕްލައި ކުރުން، އަދި ނުފެށި އޮތް ޕްރޮޖެކްޓެއް. ސަރުކާރާ ގުޅިގެން މިދަނީ ރާވަމުން ބުރިޖު ނިމެންވާއިރަށް އެ މަސައްކަތް ފެށޭތޯ،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ނޯވޭގެ ތަޖުރިބާކާރު ޓީމަކާއެކުގައި ކަމަށާއި އެ މަސައްކަތް ފެށުމަށް އެމްއޯޔޫއެެއްގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއަކާއި ޓެކްނިކަލް ސްޓަޑީއެއް ހަދައި އަދި އެންވައިރަމްނަޓަލް ސްޓަޑީ ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި އޭގެފަހުން އެކަމުގެ އަމަލި މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފަށަން ގަސްތުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ އެއްކޮށް ކުރިއަށް އެބަގެންދަން ކަނޑުއަޑިން ފެން ގެނައުމުގެ މަސައްކަތްވެސް. ގާތްގަނޑަކަށް 500 މީޓަރު ކަނޑުގެ އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން، ފުރަތަމަ މި ހަދަނީ ފައިނޭންސިއަލް އިންވެސްޓްމަންޓް، ކިހާ ބޮޑު ހަރަދެއްތޯ ދާނީ. މީގަ އެބަހުރި އެޑްވާންޓޭޖާސް، އެނޭޖީ އެފިލިޝިއޭޓްވުމާ އަދި ރިޖެކްޓްވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި، އޭގެ އިތުރަށް 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ފެނެއް، ބޯހޯލުން ނަގާ ފެނަށް ވުރެ މާ ސާފުތާހިރު ފެނެއް ލިބެނީ. އޯގެނިކް މެޓަލްސްތައް މަދު،" ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވުމުން ހަރަދު ކުޑަވެ، ބިމެއްގައި ފެން ޕްލާންޓް ބަހައްޓަން ޖާގަ ނުލިބިގެން އުޅެން ނުޖެހޭނެކަން ފަހުމީ ފާހަގަކުރެއްވިއެވެ.
"މީގަ އަންނާނެ ފެނުގެ ހަރަދު ކުޑަވުން. މާލޭގައި ބިމުގެ ދަތިކަމުން ފެން ޕްލާންޓް ބަހައްޓާނެ ތަންތަން ނުލިބޭތީ. ކަނޑުގެ އަޑިން ފެން އުފެއްދޭ ގޮތް ވެއްޖެއްޔާ، ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. ނޯވޭގެ ޓީމުން ދައުވަތު ދީފައި އެބައޮތް. މިހާރު އެބޭފުޅުން ހިންގާ ސަކްސެސްފުލް ޕްރޮޖެކްޓް ބަލައިލަން، އިތުރު ސްޓަޑީއެއް ހަދާލަން. ރާއްޖެއަށް ކިހާ ފައިދާ ކުރާނެތޯ. މި ވެގެންދާނެ ބޮޑު ބިޔަ މަޝްރޫއަކަށް،" ފަހުމީ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް