މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޓެކްސް އުނިކުރުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ލިބުނު ފައިދާއަކީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު އާމްދަނީއާއި ފައިދާގެ ގޮތުން ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 724.45 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 501.19 މިލިއަން ރުފިޔާއާއި، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 29.26 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ މިންވަރުގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ކުންފުނީގެ ހިއްސާއަކަށް ޖެހޭ ފައިދާ ވަނީ ތިންވަނަ ކުއާޓަރުގައި ހުރި 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އިތުރުވެފައެވެ.
ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އުމްރާނީ ތަރައްގީއާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. މި ދާއިރާއިން ސާފު އާމްދަނީގެ ގޮތުގައި 589.46 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 40.53 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރިކުރުމުގެ ދާއިރާއިން 92.07 މިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 27.83 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއެއް ހޯދާފައިވެއެވެ. އަދި ދަތުރުފަތުރުގެ ހިދުމަތްތަކުން 38.23 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، އެ ދާއިރާގެ ހިންގުމުގެ ފައިދާ އުޅެނީ 11.30 މިލިއަން ރުފިޔާގައެވެ. އެހެނިހެން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 4.67 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މާލީ ކުރިއެރުމުގެ އިތުރުން، ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައި، ބައެއް މަޝްރޫއުތައް ނިންމައިފައެވެ. އެގޮތުން 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އާ މަޝްރޫއެއްގައި ސޮއިކޮށްފައިވާ އިރު، 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫއެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލައިފައެވެ.
ނިމުނު މަޝްރޫއުތަކުގެ ތެރޭގައި މ. މުލީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، ހދ. ނޮޅިވަރަންފަރުގެ ނެރު ފުންކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އިމާރާތްކުރުމުގެ 63 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި މުއްދަތުގެ ތެރޭގައި ވަނީ ފަށައިފައެވެ. މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ނ. އަތޮޅާއި ރ. އަތޮޅު ގުޅުވާލަދޭ ފެރީގެ ހިދުމަތް ފަށާފައިވާ އިރު، 14 ޑިސެންބަރު 2025 ގައި ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ވަނީ ފަށައިފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް