މާލޭގައި، ހުންނަ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމަށް މައުލޫމާތު ދެމުން ޝަފީއު މިރޭ ވިދާޅުވީ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ ކުރެހުންތައް ފާސްކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް ކަމަށެވެ. އެ މަސައްކަތްތައް ނިމުމާއެކު މިއަހަރުގެ ފަހުކޮޅު ސައިޓުގައި އަމަލީ މަސައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީ ތައުލީމަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ އެ މަރުކަޒަށް ހަތް ބުރީގެ ޒަމާނީ އާ އިމާރާތެއް އެޅުމަށް ޔޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރާއްޖޭގައި 1979 ވަނަ އަހަރުން ފެށިގެން އޭލެވެލްއަށް ކިޔަވައިދެމުން އަންނަ ސީއެޗްއެސްއީގެ މާލޭ އިމާރާތް ބާވުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ހުޅުމާލޭގައި އެ ސްކޫލަށް އާ އިމާރާތެއް އަޅައި، މާލޭގެ ކެމްޕަސް ބަންދުކޮށްފައެވެ.

ނަމަވެސް، މާލޭގައި ތިބެގެން އޭލެވެލްއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން ވަނީ މާލޭ އިމާރާތް އަލުން މަރާމާތުކޮށް ކިޔަވައިދޭން ފަށާފައެވެ. އަދި ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިހާރު ތައްޔާރުވަމުންދަނީ އެތަނުގައި އާ އިމާރާތެއް ބިނާކުރުމަށެވެ.