މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އާރުވެރި މެޖިން ގްރާންޓު އިފްތިތާހު ކުރުމަށް މެންހަޓަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާއި މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މި ސިނާއަތުގައި ހުރި ގޮންޖެހުންތައް އެއީ ހަމަ އެކަނި ސަރުކާރަކަށް ވެސް ހައްލުކުރެވޭނެ ގޮންޖެހުންތަކެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު އެ މައްސަލަތައް ހައްލު ކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓާއަށް ވެސް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކަށްވީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާ އިރު، ޕްރައިވެޓް ކުންފުނިތަކަށް ވެސް ފަހި މާހައުލެއް އުފެއްދިގެން ގޮންޖެހުންތައް ހައްލު ކުރެވޭނެ ނިޒާމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.