މާލެ އާއި ހުޅުމާލެއާ ދެމެދުގެ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކަށް ކާރެއް އަރައިފިއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވެފައި ވަނީ ހޯކްސް ކުންފުނިން ފަހުން ގެނައި ލަމްބޮގިނީ ރެވަލްޓޯއެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު އޮންނަ ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކަށް ކާރެއް އަރައިފައި— ފޮޓޯ: ހަމްދާން އަހުމަދު

އެ އެކްސިޑެެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރެވެ. އެކްސިޑެންޓް ވެފައި ވަނީ އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލް ތަކަށް އަރައިގެންނެވެ.

ފުލުހުން ދެންމެ ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައި ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމަށާއި އެ ދެ މީހުންނަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދުގެ ހައިވޭގައި ޖަހާފައިވާ ހުރި ސޯލާ ޕެނަލްތަކަށް ކާރެއް އަރައި ގެއްލުންވެފައި- ވަން ފޮޓޯ: ހަމްދާން އަހުމަދު

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ އެކްސިޑެންޓްގައި ސޯލާ ޕެނަލްތަކަށް ވެސް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.