2007 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ދަމާލް"ގެ ރައިޓްސްއާ ގުޅޭ 1.5 ކްރޯޑު ރުޕީސްގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި، އެ ފިލްމުގެ ޑައިރެކްޓަރު އިންދްރަ ކުމާރާއި ޕްރޮޑިއުސަރު އަޝޯކް ތަކޭރިއާއާ ދެކޮޅަށް މުމްބާއީގެ އަމްބޯލީ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮގަސްޓު 17 ވަނަ ދުވަހު މި މައްސަލަ ރަޖިސްޓަރީކުރީ ފިލްމު ޑިސްޓްރިބިއުޓްކުރާ ކުންފުންޏެއް ކަމަށްވާ ގްރޭންޑް މާސްޓާގެ ވެރިޔާ ވިކާސް ބަލްދޭވްރާޖް ސާހްނީއެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި، 2019 ވަނަ އަހަރު މާރުތީ އިންޓަނޭޝަނަލް އިން ވަނީ "ދަމާލް"ގެ ދުނިޔޭގެ ޑިސްޓްރިބިއުޝަން އަދި ޑިޖިޓަލް ރައިޓްސް 1.5 ކްރޯޑު ރުފިޔާއަށް އޭނާގެ ކުންފުންޏަށް ވިއްކައިފައެވެ. އަދި އެއްބަސްވުން ހެދިއިރު، އެހެން އެއްވެސް ފަރާތަކަށް ރައިޓްސް ވިއްކާފައި ނުވާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވިކާސް ބުނެފައިވެއެވެ.
ނަމަވެސް، އޭގެ ހަތަރު އަހަރު ކުރިން، 2015 ވަނަ އަހަރު ފިލްމުގެ އުމުރުދުވަހުގެ ޑިޖިޓަލް އަދި އޯޓީޓީ ރައިޓްސް ޝެމަރޫ އެންޓަޓެއިންމަންޓަށް ވިއްކާފައިވާކަން ފަހުން އެނގުނު ކަމަށް ވިކާސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ތުހުމަތުތަކާ ގުޅިގެން މާރުތީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ބުނީ، މައްސަލަ ހުށަހެޅި ފަރާތާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އިތުރު މަޝްވަރާތަކަށްފަހު ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ރައިޓްސްގެ މައްސަލަ ހައްލުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް