މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑުގެ ޗެއާމަން އަބްދުﷲ ފާއިޒް މަގާމުގައި ހުންނަވާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ، އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެ ކުންފުންޏަށް އަންގައިފިއެވެ.
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދަށް ބުދަ ދުވަހު ފޮނުއްވި ސިޓީގައި ވަނީ، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗެއާގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ފާއިޒް ވަކިކުރުމުގެ ކަންކަން ނިންމުމަށް އެދިފައެވެ.
ފާއިޒް، އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަންކުރީ 13 ފެބްރުއަރީ 2019 ގައެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުންޏެއްގެ މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި ބޯޑުގައި ހުރެވޭނެ އެންމެ ދިގު މުއްދަތަކީ ހަ އަހަރެވެ. އެހެންކަމުން އޭނާގެ މަގާމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
މީގެ ކުރިން 2024 ވަނަ އަހަރުވެސް ފާއިޒު މަގާމުން ވަކިކުރިކަމަށް ބުނެ ޕީސީބީން އޮޅުމަކުން އޭނާއަށް ސިޓީއެއް ފޮނުވާފައިވެއެވެ.
ފާއިޒް، ވަކިކުރުމުގެ އިޖުރާތްތައް ކުރިއަށް ގެންދަން އެންގިއިރު، އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ފަސް ޑިރެކްޓަރުން އައްޔަންކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ސަރުކާރުގެ 47 ޕަސަންޓް ހިއްސާ އޮންނަ އެމްޓީޑީސީގެ ނުވަ މެންބަރުންގެ ބޯޑުގައި ތިއްބަވަނީ ސަރުކާރު ތަމްސީލުކުރައްވާ ހަތަރު ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ފަސް ޑިރެކްޓަރުންނެވެ.
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
ކޮމެންޓް