މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބައެއް ރަށްތައް ނުއަގުގައި ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުނިން ރިސޯޓު ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ހިފާފައިވާ ރަށްތަކެއް ކަމަށެވެ. އަދި މި ރަށްތަކުގެ ހެޑްލީސްގެ ހުރިހާ ހައްގުތަކެއް މިލްކުވެގެންވަނީ އެމްޓީޑީސީއަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ފަހަކަށް އައިސް ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، އެމްޓީޑީސީން ބުނީ އެ ކުންފުނީގެ ދަށުގައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ އެއާ ގުޅުންހުރި އެއްވެސް މަސްލަހަތެއް އެހެން ފަރާތަކަށް ދޫކޮށްލުމަށް ނިންމާފައި ނުވާނެ ކަމަށެވެ.

އަދި އެފަދަ އެއްވެސް މުއާމަލާތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރަމުން ނުދާ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފައެވެ.

އެމްޓީޑީސީން އިތުރަށް ބުނީ، ކުންފުނިން ކުރިއަށްގެންދާ އެންމެހާ ވިޔަފާރީގެ މުއާމަލާތްތައް ހާމަކުރަމުންދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަސްމީކޮށް ކަމަށެވެ. އެހެންކަމުން، މީޑިއާގައި ފެތުރޭ ހަގީގަތާ ހިލާފު ވާހަކަތަކަށް ބަރޯސާނުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.