ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މެދުގައި އިގުތިސޯދީ ގުޅުން ބަދަހިކޮށް، އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކުރުމަށް ބާއްވާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" މި މަހު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރަ ހޮޓަލުގައި ކުރިއަށްދާ އެ ފޯރަމަކީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ، އަދި އެންޓީގާ އެންޑް ބާބޫޑާ ސަރުކާރާއި އދ. ގެ އޯއެޗްއާރުއެލްއެލްއެސް ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުއް ކަމަށެވެ.

ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމަކުން 200 އަށް ވުރެ ގިނަ މަންދޫބުން އެ ފޯރަމުގައި ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ، 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ކޮންފަރެންސްގެ ނައިބު ރައީސްކަމާއި، ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާގެ ދައުރު ރާއްޖެއިން ވަނީ އަދާކޮށްފައެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެ ބިޒްނަސް ފޯރަމްގެ މައިގަނޑު ބޭނުމަކީ ކުދި ގައުމުތަކުގެ ތަރައްގީގައި އަމިއްލަ ވިޔަފާރިތަކާއި އިންވެސްޓަރުން އަދި މަދަނީ ޖަމިއްޔާތަކުގެ ހިއްސާ ބޮޑުކުރުމެވެ.

މީގެ އިތުރުން، ވިޔަފާރި ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއް ގައުމު އަނެއް ގައުމުގެ ތަޖުރިބާ ހިއްސާކޮށް، ގުޅުން ބަދަހިކުރުމަށް އެ ފޯރަމްގެ ތެރެއިން ފުރުސަތު ލިބިގެންދާނެއެވެ.

މި ފަހަރުގެ ފޯރަމުގައި ރާއްޖެއަށް ލިބިފައިވާ ތަރައްގީގެ ތަޖުރިބާތަކާއި ދިވެހި ވިޔަފާރިތަކުގެ އީޖާދީ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖޭގެ ކާމިޔާބީތައް ހިއްސާކުރުމަށް ތަފާތު ހަރަކާތްތައް ވަނީ ރާވައިފައެވެ.

މީގެ އިތުރުން، "އަބާސް" އެޖެންޑާގެ ދަށުން އަލަށް ފަށާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރަސްމީކޮށް އިފްތިތާހު ކުރުންވެސް އެ ބައްދަލުވުމުގެ ތެރޭގައި އޮންނާނެއެވެ. މިއީ ސިޑްސްގެ ގައުމުތަކަށް އިންވެސްޓަރުން ހޯދައި، އެ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.