ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ވާލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ "އާރުވެރި މެޗިން ގްރާންޓް" ސްކީމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.
ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމްގެ ދަށުން ހާއްސަ ހަތް ދާއިރާއަކަށް އިސްކަންދީފައިވާ އިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
މިނިސްޓްރީން ބުނީ މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ މަދުކުރުމާއި ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުން ކަމަށެވެ.
މީގެއިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީ ކުރުމާއި އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރު ކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމު ކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ގްރާންޓް ސްކީމާ ގުޅޭ އެންމެހާ މައުލޫމާތުތަކާއި ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި އެޕްލިކޭޝަން ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާ އެކު ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ޓްރާންސްފޯމް ޕްރޮޖެކްޓްގެ މަގުސަދަކީ ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަ ކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަ ކުރުމެވެ. 2023 ވަނަ އަހަރު ފަށާފައިވާ، 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.
މަސްވެރިކަން
މަސްވެރިކަން
މަސްވެރިކަން
ކޮމެންޓް