(17 އޯގަސްޓުގެ އަދަދާ ގުޅޭ)

މީހުންނަށް އެބައިމީހުންގެ ޤައުމުގައި ލިބިފައިވާ ޙުރުމަތާއި ކަމޭހިތުމާއި ބާރާއި އެބައިމީހުންގެ ޢަމަލީ ކުރުންތެރިކަމަކީ އިންސާނީ ޖައުހަރުގެ މޮޅުކަމެވެ. އެހެންކަމާއެކުވެސް އެކަންކަން ނުއަތުބުރެއް އަޅައިފިކަމުގައިވާނަ އެސިފަތައް ބަދަލުވަނީ ހިތްހަރުކަމާއި ރަޙްމު ކުޑަކަމަށެވެ. އަނިޔާވެރި ކަމަށެވެ. އިސްލާމްދީން މަޑުމަޑުން ފެތުރެމުންދާން ފެށުމުން قـــــريـش ންނަށްވެސްވީ އެކަހަލަ ގޮތެކެވެ. މުސްލިމުން މި ހަސްތީން ނައްތައިލައި އިސްލާމީ ތަޙްރީކުގެ ހުވަންހިލަންވެސް ނައްތައިލުމަކީ ޢާންމު އިންސާނީ ނަޒަރަކުން ބަލާއިރު قـــــريـش ންނަށް ނުކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ. އެކަމަކު މާތް اللّــــه މިންވަރުކުރައްވައިފައިވަނީ މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް އެކަލާނގެ ދީން ފުރިހަމަ ކުރައްވާށެވެ. އެހެންކަމުން އެކަލާނގެ މިންވަރުފުޅުން އަސްބާބުތަކުގެ ސިލްސިލާގެ ތެރެއިން ދިޔައީ އެކަމަށް މަގު ހުޅުވެމުންނެވެ.

މުސްލިމުން ޙަބަޝާއަށް ހިޖްރަ ކުރެއްވުން

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށާއި އެމާތް ސާހިބާގެ މިތުރު ޞަޙާބީންނަށާއި އިތުރު ޞަޙާބިއްޔަތުންނަށް قـــــريـش ންގެ ވަޙްޝީ އަނިޔާވެރިކަމުގެ ސިލްސިލާ ފެށުނީ ނަބީކަމުގެ ހަތަރުވަނަ އަހަރުގެ މެދުތެރޭގައެވެ. ނުވަތަ ފަހުކޮޅުގައެވެ.

އަރަހުށި މާތް اللّــــه އެކަލާނގެ ލޮބުވެތި ޙަބީބަށާއި ރަޙްމަތުގެ ތަޙްރީކުގެ މެންބަރުންނަށް އިރްޝާދު ދެއްވަމުން ގެންދެވީ ކެތްތެރިވެވަޑައިގެންނެވުމަށެވެ. ދުޢާކުރައްވަމުން ގެންދެވުމަށެވެ. ދުވަސްތައް މާޒީވަމުން ދިޔައިރުވެސް قـــــريـش ންގެ އަނިޔާވެރިކަމުގެ ބޯކޮޅިގަނޑުގެ ވާރޭ ތުނިވެލާއިރެއްވެސް ނައެވެ. މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން ބޮޑުވަމުންދާވަރަކަށް އީމާންކަމުގެ އަހްލުވެރީންގެ އީމާންކަމުގެ ޖޯޝްވެސް ދިޔައީ އިތުރުވަމުންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ތަޙްރީކުގެ އެކުވެރީންގެ ހާލުކޮޅާމެދު އެންމެ ފަޅިސިކުންތަކުވެސް ޣާފިލުވެވަޑައެއް ނުގަންނަވައެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޞަޙާބީންނަށް ހުއްޓައިނުލައްވައި ނަސޭހަތްދެއްވަމުން ގެންދެވީ މުޝްރިކުންނާ ހުރަހޮޅިވަޑައިނުގަންނަވާށެވެ. އެއުރެންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރައްވާށެވެ. އެމާތް ސާހިބާ ގެންދެވީ ރަޙްމަތުގެ ތަޙްރީކު ނުހަނު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދަވަމުންނެވެ. قـــــريـش ންގެ ދީނީ ބޮޑުންނާއި ސިޔާސީ ފުރަދާނައިންނާއި ސަރުދާރުން އެ ތަޙްރީކާމެދު ބިރުހީވެ، ސިހެމުންދާވަރަކަށް މައްކާގެ ޢާންމުންނާއި އަޅުންގެ ގިންތީގައި އެތަޙްރީކު ދިޔައީ މަޤްބޫލު ވަމުންނެވެ. އެތަޙްރީކުގެ ކާމިޔާބީގެ ދުވެލި ފެންނަފެނުމުގައި ތަންކޮޅެއް ލަސްކަމުގައިވިޔަސް އެތަޙްރީކުގެ ސައިލު ދިޔައީ قـــــريـش ންގެ ޝިރުކުގެ ބިންގާ ދޯހަޅިކޮށް ބަލިކަށިކުރަމުންނެވެ. قـــــريـش ންގެ ސިޔާސީ ބަޞީރަތަކަށް އެކަން ހަޖަމެއް ނުކުރެވެއެވެ. އެއުރެން ތާއަބަދު ގެންދިޔައީ މުސްލިމުންގެ ހިތްވަރު އެލުވައިލެވޭތޯ ބާރުލަމުންނެވެ. ރަޙްމަތުގެ ތަޙްރީކު ހުއްޓުވޭތޯ ވާގިލަމުންނެވެ. ނަތީޖާއެއްގެގޮތުން ކުފުރުގެ ބިޔަ ރާޅުތަކާއެކު ޠޫފާނީ ފެންގަނޑު މުސްލިމުންގެ އިސްކޮޅުނުކާރަވަރަށް ވަނީ ބޮޑުވެފައެވެ. އެދަރަޖަޔަށް ޙާލަތު ދިޔުމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މުސްލިމުންނަށް އިރްޝާދު ދެއްވިއެވެ.

"ތިޔަބައިމީހުންގެ ދީނުން ފިތުނަވެރި ކުރުވިޔަ ނުދިނުމަށްޓަކައި ތިޔަބައިމީހުން ޙަބަޝާއަށް ހިނގައިދާށެވެ. އެތާނގައި ހުންނެވީ ޢަދުލުވެރި ރަސްކަލެކެވެ. އޭނާގެ އަރިހުގައި އަނިޔާއެއް ނެތެވެ. އެއީ ރަނގަޅު ބިމެކެވެ. މާތް اللّــــه سبحـــانــــه وتــعــــالــــى ދާދިއަވަހަށް ތިޔަބައިމީހުންނަށް އަމާން ވެއްޓެއް ދެއްވައި އެންމެން އެއްތަނަކަށް އެއްކުރައްވާހުއްޓެވެ."

ޙަބަޝާއަކީ އެވޭލާ ޒަމާނުއްސުރެ قـــــريـش ން ވިޔަފާރިކަމުގޮސްއުޅޭ ޤައުމެކެވެ. އެހެންކަމުން ބަހުގެ ހުރަހެއްވެސް ނެތެވެ. އެތާނގެ އެންމެހައި ޙާލަތާއި މީހުންގެ އާޖުފާޖާއި ހުރިހައިކަމެއް ޞަޙާބީންނަށް ރަނގަޅަށް ފިލައިވަޑައިގަންނަވައެވެ. އެދުވަސްވަރު ޙަބަޝާގެ އެމްޕެރަރަކަށް ހުންނެވީ أَصْحَــمَــة އެވެ ކިޔުނު ރަސްކަލެކެވެ. ޢަރަބީން ޙަބަޝާގެ ކޮންމެ އެމްޕެރަރަކަށްވެސް ކިޔައި އުޅުނީ نجــاشــى އެވެ. އެގޮތުން أَصْحَــمَــة އަށްވެސް ޢާންމުކޮށް ކިޔައިއުޅުނީ نجــاشــى އެވެ.

ޙަބަޝާއަށް އެންމެފުރަތަމަ ހިޖްރަކުރެއްވި ބޭކަލުންގެ ޢަދަދާއި ނަންފުޅުތަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. އެންމެފުރަތަމަ ޖަމާޢަތުގައި ވަޑައިގެންނެވީ އެގާރަ ޞަޙާބީންނާއި ހަތަރު ޞަޙާބިއްޔާތުންކަމަށް ރިވާޔަތްތައް ހުރެއެވެ. ހަމައެފަދައިން ބާރަ ޞަޙާބީންނާއި ހަތަރު ޞަޙާބިއްޔާތުންކަމަށްވެސް ރިވާޔަތްތައް ހުރެއެވެ. އެންމެ މަޝްހޫރު ރިވާޔަތުގައިވާގޮތުން އެބޭބޭކައުކަނބަލުންނަކީ:

1. عــثـمــان بـــن عــفّــــان ذوالـــنّــــوريـــن رضـــــى اللّــــه عــنـــــه (އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ އަނބިކަނބަލުން السّــيّــدة رُقَــيّـــة بـنـت رســـول اللّــــه صـلّــــــى اللّــــه عــلـيــــه وسـلّـــــم ވަޑައިގެންނެވިއެވެ.)

2. أبـــــو حــذيــفـــة بـــن عــتـــبــة رضـــــى اللّـــه عــنـــــه (އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ އަނބިކަނބަލުން السّــيّــدة سهــــلـة بـــنت سهـيــل رضـــــى اللّــــه عــنـــهـــا ވަޑައިގެންނެވިއެވެ.)

3. الـــزّبــيــــــر بــــن الـــعــــــوّام رضـــــى اللّــــه عــنــــه (ރަޙްމަތުގެ ނަބިއްޔާގެ ބޮޑުދައިތާފުޅު صَـفـــيّـــة ގެ ދަރިކަލެއް - حــوارى رســـول اللّــــه صـلّــــــى اللّــــه عــلـيــــه وسـلّـــــم)

4. مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه (هـــاشــــم ގެފާނުގެ ކާފަދަރިކަލެއް)

5. عـــبــدالــــرّحــمـــن بـــن عـــــوف رضـــــى اللّــــه عــنـــــه (زهـــــــــرة ވަންހައިން ކައުސާހިބާގެ މައިކަނބަލުންގެ ތިމާގެފުޅު ބޭކަލެއް)

6. أبـــو سَـلَــمَــة عـبــد اللّــــه بـــن عـبــد الأســـد المخـــزومــــى رضـــــى اللّــــه عــنــــه (އެކަލޭގެފާނުގެ އަރިހުގައި އަނބިކަނބަލުން السّــيّــدة هِـنـــدُ بـــنت أبـــــى أُمَــيّـــة المخـــزومــــى رضـــــى اللّــــه عــنـــهـــا ވަޑައިގެންނެވިއެވެ.)

7. عــثـمــان بـــن مظــعــــون الجمـحــى رضـــــى اللّــــه عــنـــــه (މަޝްހޫރު ޞަޙާބީއެއް)

8. عـــامــــــر بـــن ربــيــعــــة رضـــــى اللّــــه عــنـــــه (އެކަލޭގެފާނުގެ އަރިހުގައި އަނބިކަނބަލުން السّــيّــدة لـيــلـــى بـــنت أبـــــى حشـمـــة عــدويـــة رضـــــى اللّــــه عــنـــهـــا ވަޑައިގެންނެވިއެވެ.)

9. أبـــوسـبــرة بــــن أبـــــى رُهُــــــم رضــــى اللّـــه عــنـــــه (ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުދައިތާފުޅު بـــــرّة ގެ ދަރިކަލެއް)

10. أبـــــوحـــاطـب بـــن عَــمـــــرو رضـــــى اللّـــه عــنـــــه (ބަދުރީ ޞަޙާބީއެއް)

11. سهـيــل بــــن بــيـضــاء رضـــــى اللّــــه عــنــــه

12. عــبــد اللّــــه بـــن مسعــــود رضـــــى اللّــــه عــنـــــه (މަޝްހޫރު ޞަޙާބީއެއް އަދި ޞަޙާބީންގެ މުޖުތަހިދެއް)

(މި ނަންފުޅުތައް ނަކަލުކޮށްފައިވަނީ ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى މިފޮތުންނެވެ.)

މިބޭކަލުންގެ އަމީރަކީ ބައެއް ރިވާޔަތްތަކުގައިވާގޮތުން عــثـمــان بـــن عــفّــــان رضـــــى اللّــــه عــنـــــه އެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ) ނަމަވެސް އެންމެ ވަރުގަދަ ރިވާޔަތެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވިފައިވާ ރިވާޔަތުގައި ވާގޮތުގައި ޙަބަޝާގެ އެންމެފުރަތަމަ މުހާޖިރުންގެ އަމީރަކީ عــثـمــان بـــن مظــعــــون الجمـحــى رضـــــى اللّــــه عــنــــه އެވެ. (نـــبـــى رحـمت: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)

މިބޭބޭކައުކަނބަލުން ޙަބަޝާއަށް ދަތުރުކުރެއްވީ ނަބީކަމުގެ ފަސްވަނަ އަހަރުގެ ރަޖަބުމަހުއެވެ. އެބޭކަލުން ޝުޢައިބާގެ ބަނދަރަށް (މިހާރުގެ ޖިއްދާގެ ބަނދަރަށް) ވަޑައިގެންނެވިއިރު ދިމާވި ރަނގަޅު އިއްތިފާޤަކުން ޙަބަޝާގެ ނައުފަހަރު ހުރީ ދަތުރަށް ތައްޔާރުކޮށްފައެވެ. ނައުފަހަރުގައި ވަނީ ރިޔާއަޅައިފައެވެ. އެނައުފަހަރުގެ މީހުން ވަރަށް ވަރަށް ހެޔޮއަގެއްގައި މުހާޖިރުންނަށް ޖާގަދީފިއެވެ. ކޮންމެ މުހާޖިރަކަށް ދެއްވާން ޖެހިވަޑައިގެންނެވީ ފަސް ދިރުހަމެވެ. قـــــريـش ންނަށް މުހާޖިރުން ދަތުރަށް ނުކުމެވަޑައިގެންނެވި ޚަބަރު ލިބުމާއެކު އެބޭބޭކައުކަނބަލުން ހައްޔަރުކުރާން ފަހަތްޕުޅުން ބަނދަރުމައްޗަށް ދިޔައެވެ. ނަމަވެސް قـــــريـش ންނަށް ބަނދަރާ ހަމަޔަށް ފޯރިއިރު ނައުފަހަރު ފުރައިގެން ހިނގައްޖެއެވެ.

قـــــريـش ން ވިސްނަމުންދިޔައީ އިސްލާމީ ރަޙްމަތުގެ ތަޙްރީކަކީ ނުރައްކައުތެރި އިންޤިލާބީ ތަޙްރީކެއް ކަމުގައެވެ. އެހެންކަމުން قـــــريـش ން ތިބީ އިސްލާމީ ތަޙްރީކު ތަބްލީޣު ކުރެވެމުންދިޔަ ދިޔުމާމެދު ބިރުހީވެފައެވެ. އިސްލާމީ ރަޙްމަތުގެ ތަޙްރީކު ފެތުރި ޢާންމުވުމުގެ އެކަށޭނަކަން ވަރަށްބޮޑަށް އޮތްކަން قـــــريـش ންގެ ވިސްނުންތެރީންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން އެބައިމީހުން ބޭނުންވީ އެތަޙްރީކު މައްކާގައި ޙިޞާރުކޮށް އެތަޙްރީކު ވުޖޫދުން ފޮހެލާށެވެ.

ޢާންމުކޮށް މުއައްރިޚުން ޚިޔާލުކުރައްވާ ގޮތުގައި ޙަބަޝާއަށް ހިޖްރަކުރެއްވުމުގައި އިސްނެންގެވީ މައްކާގައި އެހީތެރީންނާއި ވާވެރީން ނެތް ޢާންމު ފަންތީގެ މުސްލިމުންނެވެ. ނަމަވެސް މުހާޖިރުންގެ ލިސްޓަށް ނަޒަރު ހިންގައިލުމުން މައްކާގެ ހުރިހައި ފަންތިތަކެއްގެ މުސްލިމުން އެލިސްޓުން ފެނެއެވެ. ވެރިކަމުގެ ޚާންދާނުގެ ބޭބޭކައުކަނބަލުންވެސް ފެނެއެވެ. عــثـمــان بـــن عــفّــــان رضـــــى اللّــــه عــنـــــه އަކީ އެދުވަސްވަރު މައްކާގެ އެންމެ ނުފޫޒުހުރި ޢިއްޒަތްތެރި ވަންހަކަމުގައިވާ އުމައްޔަތު ވަންހައިގެ ބޭކަލެކެވެ. أبـــو سَـلَــمَــة عـبــد اللّــــه بـــن عـبــد الأســـد އަކީ أمــيّـــــة ވަންހަފަދަ ނުފޫޒުހުރި ވަންހައެއް ކަމުގައިވާ مخـــــزوم ވަންހައިގެ ބޮޑެކެވެ. الـــزّبــيــــــر بــــن الـــعــــــوّام އާއި مـصــعــب بـــن عُـمَـــيــــــر އާއި أبـــوسـبــرة އަކީ ޚުދު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޢާއިލީ މެންބަރުންނެވެ. عـــبــدالــــرّحــمـــن بـــن عـــــوف رضـــــى اللّــــه عــنـــــه އަކީވެސް މައްކާގެ އަޝްރާފެކެވެ. މި ލިސްޓުން އެނގެނީ ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ ފަރުދުންކަމުގައިވިޔަސް މުސްލިމުންކަމުގައިވާނަމަ قـــــريـش ންގެ އަނިޔާވެރިކަމުގެ ވަކިތަކުން ސަލާމަތްވެވަޑައިނުގެންނެވޭ ކަމެކެވެ.

އަޖައިބުވާފަދަ އިއްތިފާޤެކެވެ. قـــــريـش ން އަގުރުއަލިފާނުގެ ތަންމަތިކޮޅުތަކުގައި ރޭކުރުވަމުން ގެންދިޔަ بِـــلال އާއި عـمّـــار ފަދަ ބޭކަލުންގެ ނަންފުޅުތަކެއް ޙަބަޝާގެ މުހާޖިރުންގެ ލިސްޓަކު ނެތެވެ. އެބޭކަލުންނަށް އަމިއްލަފުޅު ނަފުސު ރައްކައުތެރިކުރެއްވުމަށްޓަކައި މައްކާއިން ބޭރަށް ހިޖްރަކުރެއްވުމުގެ އެކަށޭނަކަމެއްވެސް ލިބިވަޑައިގެންފައި ނެތީކަމުގައި ވެދާނެއެވެ. قـــــريـش ން ރުޅިއަރައިގަނެގެން މުހާޖިރުންގެ ކިބައިން ބަދަލުހިފުމުގެ ރޭވުން ރާވަމުން ގެންދަނިކޮށް މުސްލިމުންގެ ދެވަނަ ޖަމާޢަތެއްވެސް قـــــريـش ންގެ ކަޅިމަތި ބައްލަވަމުން އެގޮތްމިގޮތުން ނައުފަހަރުން ޖާގަ ހޯއްދަވައިގެން ޙަބަޝާއަށް ވަޑައިގެންނެވުމުގައި ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ރިވާޔަތްތަކުން އެނގޭގޮތުގައި އެޖަމާޢަތުގައި އައްޑިހަތިން ޞަޙާބީންނާއި އަށާރަ ޞަޙާބިއްޔާއިން ހިމެނިވަޑައިގަންނަވައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭކަލަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅު أبـــوطــالــب ގެފާނުގެ ދަރިކަލުން އަދި إمـــام عــلــــــى رضـــــى اللّــــه عــنـــــه ގެ ބޭބޭފުޅު جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه އެވެ.

(ނުނިމޭ)