ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ޤުރުއާން މާއްދާގެ ޕައިލެޓް ޓެސްޓެއް އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މި ޕައިލެޓް ޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވުނު ދިހަ ސްކޫލެއްގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަމާ ގުޅުންހުރި މެމޯތައް އެ ސްކޫލުތަކަށް ފޮނުވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ދެ ވަނަ ޓާމް ޓެސްޓު ނިމުމުން ބާއްވާ މި ޕައިލެޓް ޓެސްޓަކީ 2027 ވަނަ އަހަރު ޤުރުއާން މާއްދާ ރަސްމީކޮށް އެސްއެސްސީ އިމްތިހާނުގައި ހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޓެސްޓެއް ކަމަށެވެ.

އުސޫލު ހަމަޖެހިފައިވާގޮތުން، މި އިމްތިހާނުން ފާސްވާ ދަރިވަރުންނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ޤައުމީ ފެންވަރުގެ ސަނަދެއް ދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓޮޕް ޓެންގެ ވަނަތައް ލިބޭނީވެސް މި އިމްތިހާނުން ފާސްވާ ދަރިވަރުންނަށެވެ.

  • ސާނަވީ ތައުލީމު ނިންމާ ދަރިވަރުން ހަދާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ހިމެނުމަށް ސަރުކާރުން ނިންމަވާފައިވާކަން ރަސްމީކޮށް ހާމަކުރެއްވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ދެއްވި ހިތޯބުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.