ސައުދީ އަރަބިއްޔާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ރާއްޖޭގެ ބައިވެރިޔަކު ހަތަރު ވަނަ ހޯދައިފިއެވެ.

މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ހާސިލްކޮށްފައިވަނީ 17 އަހަރުގެ ފާތުމަތު ޝާޔާ ޒާހިރު، މއ. އަސާސް އެވެ. އޭނާއަށް ވަނީ 170،000 ރިޔާލް ނުވަތަ 7 ލައްކަ ރުފިޔާ ލިބިފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއީ 46 އަހަރުވަންދެން ދުނިޔޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ގުރުއާން މުބާރާތް ކަމަށާއި 133 ގައުމުން މި މުބާރާތުގައި ބައިވެރި ކަމަށެވެ.

ގުރުއާން މުބާރާތުން ހަތަރު ވަނަ ހޯދި ފާތުމަތު ޝާޔާ ޒާހިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާ އެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: މިނިސްޓަރު ޝަހީމް

މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރީ ރޭ މައްކާގެ ހަރަމްފުޅުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ އޭގެ އިތުރުން ހަރަމްފުޅުގެ އިމާމު، ޑރ. އަބްދުއްރަހްމާން ސުދައިސް އާއި ސައުދީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުﷲ އާތިފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުމުރުން ނުވަ އަހަރުގައި ގުރުއާން ހިތުދަސްކުރި ޝާޔާގެ މި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިހާ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރި ދަރިވަރަކަށް ހަތަރު ވަނަ ލިބުމަކީ މުޅި ގައުމަށް ވެސް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.