ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އާހޫޖާ، ގޯވިންދާއާ ދެކޮޅަށް ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

މިކަން ކަށަވަރުކޮށްދެމުން ގޯވިންދާގެ މެނޭޖަރު ޝަޝީ ސިންހާ މީޑިއާތަކަށް ބުނީ، ސުނީތާ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށާއި، 40 އަހަރުވީ ކައިވެނި ރޫޅާލައި ދެމަފިރިން ވަކި ނުވާ ކަމަށެވެ.

ޝަޝީ ބުނެފައިވާ ގޮތުގައި، ސުނީތާ އެ މައްސަލަ ހުށަހެޅީ އެ ވަގުތު އޭނާއަށް ކުރެވުނު އިހުސާސްތަކެއްގެ ސަބަބުންނެވެ. އަދި މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށާއި، މިއީ އުފާވެރި ހަބަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

“ސުނީތާ ވަނީ ގޯވިންދާއާ ދެކޮޅަށް ހުށަހެޅި ވަރީގެ މައްސަލަ އަނބުރާ ގެންގޮސްފައި. ދެމީހުން ވަތްކެއް ނުވޭ. އޭނާ އެއްޗެހިތަކެއް ކީ ނަމަވެސް، އެއީ އެ ވަގުތު އޭނާއަށް ކުރެވުނު އިހުސާސްތަކެއް. މިއީ އުފާވެރި ހަބަރެއް،” ޝަޝީ ބުންޏެވެ.

މީގެ އިތުރުން، މި ނިންމުމާ މެދު ގޯވިންދާއާއި ކުދިން ތިބީ ވަކި ކޮޅަކަށް ނުޖެހި ކަމަށާއި، މިއީ ކުށެއް ކުރެވުނުކަން އިހުސާސްވެ އެނބުރި އާއިލާ ގާތަށް އައުން ކަމަށް އޭނާ ސިފަކުރިއެވެ. މި މައްސަލަ އާންމުންގެ ތެރެއަށް ތިލަވުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް މެނޭޖަރު ބުންޏެވެ.

ސުނީތާ ވަރީގެ މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު މުމްބާއީގެ ބާންދްރާ ފެމިލީ ކޯޓަށެވެ. މި މައްސަލަ ފެންމަތިވީ، ގޯވިންދާގެ ފިލްމު “ރޫޕާ” ގެ ކޯ-ސްޓާރު ކޯމަލް ރާނީ ސްވަރްންކަރް އާއެކު ގޯވިންދާ ބާއްވާ ގާތް ގުޅުމަކާ ގުޅިގެން ކަމަށް ބުނެ ސުނީތާ ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ދެމަފިރިންގެ ދެމެދުގައި އާންމުކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވެއެވެ. އޭގެ ރައްދުގައި ގޯވިންދާ ވަނީ، އޭނާގެ އަބުރަށް ހުތުރުވާ ފަދަ ވާހަކަތައް ނުދެއްކުމަށް ސުނީތާގެ ކިބައިން އެދިފައެވެ.

ބުދަ ދުވަހު ސުނީތާއާއި އޭނާގެ ފިރިހެން ދަރިފުޅު ޔަޝްވަރްދަން އާހޫޖާ ވަނީ ބާންދްރާ ފެމިލީ ކޯޓަށް ގޮސްފައެވެ. ސުނީތާ ކޯޓަށް ދިޔަ ސަބަބެއް އޭނާ އާންމުކޮށްފައި ނުވި ނަމަވެސް، މެނޭޖަރު ވަނީ އެއީ މައްސަލަ ނެގުމަށް ކުރި ޒިޔާރަތެއްކަން ކަށަވަރުކޮށްދީފައެވެ.