ބޮލީވުޑްގެ އެކްޓަރު ކާރްތިކް އާރްޔަންގެ ކަކުލަށް އަނިޔާވެ، ސާޖަރީއެއް ހެދުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާރްތިކްއަށް އަނިޔާވީ ޑައިރެކްޓަރު ކަބީރު ހާންގެ އާ ފިލްމެއްގެ މަންޒަރުތަކެއް ނަގަމުން ދަނިކޮށެވެ. އެ ނޫހުން ބުނި ގޮތުގައި އޭނާއަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ފޯޓިސް ރަހޭޖާ ހޮސްޕިޓަލުގައެވެ.

ފިލްމުގެ ޕްރޮޑަކްޝަނާ ގާތް ފަރާތަކާ ހަވާލާދީ އިންޑިއާ ޓުޑޭއިން ބުނެފައިވަނީ، ކަކުލުގެ ސާޖަރީއަށްފަހު އޭނާ ދުވަސްކޮޅަކަށް މަސައްކަތާ ދުރަށްދާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކާރްތިކްގެ ޓީމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ކާރްތިކްއަށް އަނިޔާވީ ފިލްމުގެ ޝޫޓިން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް، އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައެވެ. މި މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ އެކްޝަން ކޯޗުންނާއެކު ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

މިއީ ކަބީރު ހާންއާއެކު އޭނާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެ މީހުން އެކުގައި މަސައްކަތްކުރި "ޗަންދޫ ޗެމްޕިއަން" ގައި ކާރްތިކް ދެއްކި އެކްޓިންއަށް އޭނާއަށް ވަނީ ދާދި ފަހުން ނެޝަނަލް ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައެވެ.

ކަބީރު ހާންގެ މި އާ ފިލްމަކީ ކުޅިވަރުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ކާރްތިކް ފެނިގެންދާނީ ކަޝްމީރުގެ ކުއްޖަކަށް ތަމްރީނުދޭ ކިކްބޮކްސިން ކޯޗެއްގެ ރޯލުންނެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ޒުވާން އެތުލީޓު ތަޖަމުލް އިސްލާމްގެ ހަޔާތުގެ މައްޗަށެވެ. މީގެ އިތުރުން، މި ފިލްމަކީ ކާރްތިކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑޯޕަމިން ސްޓޫޑިއޯސްއިން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.

އިންޑިއާ ޓުޑޭއިން ބުނެފައިވާ ގޮތުގައި، ސާޖަރީއަށްފަހު ލިބޭ ބްރޭކަށްފަހު ކާރްތިކް ދެން އެންމެ އަވަހަށް ފަށާނީ އަނޫރާގް ބާސޫގެ އާ ފިލްމުގެ މަސައްކަތެވެ. ކާރްތިކްގެ ސާޖަރީއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.