މާލޭ ސިޓީގެ އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދުތަކުން ވިއްކާ އަމިއްލަ މީހުންގެ ބިންތައް ކައުންސިލުން ގަތުމަށް ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި މާލޭ ސިޓީގެ އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދުތަކުން އަމިއްލަ މީހުންގެ ބިން ވިއްކާލުމަށް އެދޭ ފަރާތްތަކުގެ ބިން މާލެ ސިޓީގެ ކައުންސިލަށް ގަނެ، އެ ބިންތަކުގައި ޕާކިން އިމާރާތްތައް ތަރައްގީކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރުހާން ޝަފީއު ވަނީ ހުށަހަޅުއްވައިފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ފަރުހާން ވިދާޅުވީ އެކަމަކީ މާލޭ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ އެންމެ ބޮޑު ތަކުލީފު ކަމުގައިވާ މަގުތަކުގައި ތޮއްޖެހުމާއި ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާ ބެހޭ މުހިންމު ކަމެއް ކަމަށެވެ.

"މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ އަދަދު ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުން. މި ސަރަހައްދުތަކުގައި ކައުންސިލު ނުވަތަ ސަރުކާރުގެ ހުސް ބިމެއް ނެތް. އޭގެ ނަތީޖާއެއްގެ ގޮތުން މަގުތައް ވަނީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ކުއްލި ހާލަތްތަކުގައި އިމަޖެންސީ ވެހިކަލްތަކަށް ވެސް ނުދުއްވޭ ވަރަށް ބެދި ބަންދުވެފައި. މި މައްސަލައަށް އޮތް ހައްލަކީ އަމިއްލަ ބިން ގަތުން،" އޭނާ ވިދާޅުވިއެވެ.

ފަރުހާން ވިދާޅުވީ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދުތަކުން ވިއްކަން ބޭނުންވާ އަމިއްލަ ބިން ކައުންސިލަށް ގަތުމަށް އާންމުކޮށް އިއުލާންކޮށް، އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކައުންސިލުގެ ބަޖެޓަށް ބުރަނުވާނޭހެން އަމިއްލަ ފަރާތްތަކާ ގުޅިގެން ބީއޯޓީ އުސޫލުން މި ބިންތަކުގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް ތަރައްގީކުރަންޖެހޭ ކަމަށެވެ. އަދި މި މަޝްރޫއަކީ މާލޭ ސިޓީ ކައުންސިލުގެ ސާފު ރައްކާތެރި އަދި ލުއިފަސޭހަ މާލެ ސްޓްރެޓެޖިކް ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެގޮތަށް ދޫކޮށްލަން ބޭނުންވާ ބިންތަކުގެ ބަދަލުގައި ސަރުކާރުން ހުޅުމާލެއިން ނޫނީ ގުޅިފަޅުން އެ ސައިޒުގެ ބިންތަކެއް އެ ފަރާތްތަކަށް ދޫކޮށްދިނުމަށް ހުށަހަޅާ ގޮތަށް މިހާރު ވެސް މާލޭ ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ވިސްނާފައިވާ ކަމަށާއި އޭރުން ދައުލަތަށް ވެސް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށެވެ.

"އެ ޕްލޭންގެ ތެރޭގައި ޕްރޮޕޯސްކޮށްފައި ހުންނާނީ މިގޮތަށް ހުރި ބިންތަކުގެ ބަދަލުގައި އެހެން ބިންތައް ތަންތަނުން ދިނުމާއި، އަދި ސަރުކާރުން މިހާރު ނުހަދާ، ތަރައްގީނުކޮށް ހުރި ހުރިހާ ބިމެއް، ރައްޔިތުންގެ ބޭނުމަށް ދޫކޮށްލަން. އޭގެ ބަދަލުގައި އެސްއޯއީތަކަށް ދޭށޭ ގުޅިފަޅުން، ގިރާވަރުފަޅުން، އުތުރުތިލަފަޅުން، ތިލަފުށިން، ހުޅުމާލެއިން ބިން ދޭށޭ. ދީފައި މާލޭގައި އިތުރު އިމާރާތްތައް ސަރުކާރު ނުހަދާށޭ. އެގޮތަށް އަޅުގަނޑުމެން މި ޕްރޮޕޯސްކުރަނީ އަޅުގަނޑުމެންގެ އާ ލޭންޑްޔޫސް ޕްލޭންގައި،" މޭޔަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ފަރުހާންގެ އެ ހުށަހެޅުމާ އެއްގޮތަށް އެކަން ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން އާބަން ކޮމިޓީއަށް ފޮނުވުމަށް ޕްލޭން ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.