މެންޗެސްޓާ ސިޓީއަށް ފިޔަވަޅު އަޅަން ލަސްވެއްޖެކަން ގަބޫލުކުރާ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް ވިދާޅުވެއްޖެއެވެ.

ސިޓީން ޕްރިމިއާ ލީގުގެ ފައިނޭންޝަލް އުސޫލުތަކާ ހިލާފުވެގެން 115 މައްސަލައެއް ދަނީ ބަލަމުންނެވެ. އެ މައްސަލަތައް ފުރަތަމަ ބަލަން ފަށާފައި ވަނީ 2018 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. 2023 ވަނަ އަހަރު އެ މައްސަލަތައް ރަސްމީކޮށް ހާމަކޮށްފައިވީ ނަމަވެސް، އެކަމުގައި ވަކި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ސިޓީން އެ ހުރިހާ ކަމަކަށް އިންކާރު ކޮށްފައިވާ އިރު، އެކަމުގައި ފިޔަވަޅު ނާޅާ މިދިޔަ މުއްދަތުގައި ޕެޕް ގާޑިއޯލާއެކު އެޓީމުން ވަނީ ކާމިޔާބީތައްވެސް ހޯދައިފައެވެ. އެގޮތުން މިދިޔަ 10 އަހަރުގައި ގާޑިއޯލާ ވަނީ ސިޓީއާއެކު ހަފަހަރު ޕްރިމިއާ ލީގު ހޯދައި، ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕްވެސް ހޯދައިފައެވެ.

"އަހަރެމެންގެ ގަވާއިދާއި އުސޫލުތައް އެކަމުގައި ވަރަށް ސާފު. އަހަރެމެން ހުރިހާ ކަމެއް ސިއްރުކޮށްފައި މި ބާއްވަނީ އެކަމުގައި ގޮތް ނިންމަން އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް. އަހަންނަކަށް ނުދެވޭނެ ކަން ހިނގަމުންދާ ގޮތުގެ ތަފްސީލެއް. އަހަރެމެން ކަން ކުރަން ޖެހޭ ގޮތަކީ އެ އޮންނަ އުސޫލަކުން ކުރިއަށް ދާން މަގުފަހިކޮށްދިނުން. އަހަންނަށްވެސް އެނގޭ ހީކުރި ވަރަށްވުރެ ދިގުލައިގެން ގޮސްފި ކަމަށް. އެކަމުގައި ހުރި ކަންބޮޑުވުންތައްވެސް އެބަ އެނގޭ،" މާސްޓާސް ވިދާޅުވިއެވެ.

ސިޓީއަށް އައިސްދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި ޓްރާންސްފާ ބޭންވެސް ހިމެނޭ އިރު، މީގެ ކުރިން ބައެއް ކްލަބުތަކަށް ވަނީ އަވަސް ފިޔަވަޅުތައްވެސް އަޅައިފައެވެ.