ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އާ ޖީލެއް ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް 2022 ވަނަ އަހަރު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާ އިރު، އެ ޕްރޮގްރާމުން ފުރުސަތު ދިނުމުގައި އުސޫލެއް ނެތި އަމަލު ކޮށްފައިވާ ކަމަށް އޭސީސީން ތައްޔާރުކޮށްފައިވާ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަން ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓުގައި ބުނެފިއެވެ.

އޭސީސީން އިއްޔެ އާންމުކުރި ރިޕޯޓުގައި ވާގޮތުން ކުޅިވަރުގެ ދާއިރާއަކީ އޯގަނައިޒްޑް ކްރައިމްސްގެ ތެރޭގައި ހިންގާ މާލީ ކުށްތަކުން ހޯދާ ފައިސާ ލޯންޑާ ކުރުމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ދާއިރާއެކެވެ. އޭގެ މައިގަނޑު ސަބަބަކީ ކުޅިވަރު ކްލަބް ޖަމިއްޔާތައް ޒިންމާދާރުކުރުވައި، ޖަވާބުދާރީ ކުރުވާނެ އެކަށީގެންވާ ނިޒާމެއް ނެތުންކަމަށް ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ "އަރުތަ" ސްކޮލާޝިޕް ދޫކުރުމުގައި އުސޫލެއްނެތި ނުފޫޒުން ސްކޮލާޝިޕް ދިނުމާއި، އެސޯސިއޭޝަންތަކަށް އެންގުމަކާ ނުލައި އެ ކުޅިވަރު ނިސްބަތްވާ އެތުލީޓުންނަށް ސްކޮލާޝިޕް ދިނުންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ހަމަހަމަކަމެއް ނެތި، ބައެއް ކޯޗުންގެ "ފެވަރިޓް: އެތުލީޓުންނަށް ފުރުސަތު ދިނުންފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތަށް އެކަން ކުރުމަކީ އުންމީދޫ އެތުލީޓުންނަށް އޮންނަ ފުރުސަތު ހަނިވެ، ކުޅިވަރު އިދާރާތަކަށް އާންމުކުރާ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބައެއް އެތުލީޓުންނަށް ބޭރު ގައުމުތަކުގެ ތަމްރީނުތަކަށްވެސް ފުރުސަތު ދީފައިވާ އިރު، ކުރިންވެސް އެކަމުގައި އުސޫލެއް ނެތްކަން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. އެކަމުގައި އޭރު ސަރުކާރުން ސީދާ ޖަވާބެއް ދީފައި ނުވާ އިރު، އުސޫލު އާންމުކޮށްފައެއްވެސް ނުވެއެވެ.