ރަޝިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި އެ ގައުމުން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމަށް އެއާ ޓްރާންސްޕޯޓް އޮފް ރަޝިޔަން ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ، ޑްމީޓްރީ ޒޭރެވް އާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

"ރާއްޖެއާއި ރަޝިޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައި، މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވޭ،" އަމީން ވިދާޅުވިއެވެ.

ރަޝިއާގެ އިސް ވެރިންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަކާ ބައްދަލުކުރެއްވުމަށް އަމީން ރަޝިއާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ.

ރަޝިއާއަށް ވަޑައިގަތް ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވިއަންގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއަށް މިހާރުވެސް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކީ ރަޝިއާއެވެ. މިދިޔަ މަހު އެކަނި ވެސް ރަޝިއާއިން 30،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު ވެސް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން 198،000 އަށް ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.