މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޑިރެކްޓަރުގެ މަގާމުން ވަކިކުރި މިޒްނާ އާދަމަށް ވަޒީފާދިނުމަށާއި، އިނާޔަތްތަކާއި ގެއްލުމުގެ ބަދަލުދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އެމްޕީއެލްގެ ރިރެކްޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ކުންފުނީގެ ޗެއާމަން ތުރުކީ ވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގެ އިންތިޒާމު ހަމަޖެއްްސެމުގައި ހިނގައިދިޔަ ކަމެއްގެ ތެރެއިން، މިޒްނާގެ ފަރާތުން ބޯޑުގެ ޗެއާމަނަށް އެޑްރެސްކޮށް ފޮނުވި ސިޓިއަކާ ގުޅިގެން މައްސަލަ ބަލައި ނިމެންދެން 13 އޮކްޓޫބަރު 2022 އިން ފެށިގެން މިޒްނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް މެމޯއެއް ފޮނުވުމަށްފަހު، އޭގެ ފަހުން ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.

މިޒްނާގެ މައްޗަށް ފަސް ކަމެއް ތުހުމަތު ކުރެވޭ ކަމަށައި، އެ ތުހުމަތުތަކާ ގުޅޭ ތަހުގީގު ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރިކަމަގެ ސިޓީ އެމްޕީއެލްއިން ފޮނުވީ 10 ޖެނުއަރީ 2023 ގައެވެ.

މިޒްނާގެ ފަރަތުން މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ 10 ޖުލައި 2023 ގައެވެ.

މި މައްސަލައިގައި މިޒްނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދުނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒިފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާގެ ވަޒީފާ މެދުކެނޑިފައި ނުވާކަމަށާއި، އެއްވެސް އިރެއްގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަލައިގެން ނުވާނެކަމަށް ކަނޑައަޅައިދިނުމަށެވެ.

އޭގެ އިތުރުން ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ، ނުވަތަ އެ ފެންވަރުގެ އެކަށީގެންވާ އެހެން ވަޒީފާއެއް، އަނބުރާ އިއާދަ ކޮށްދިނުމަށް ކުންފުނީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ވަޒިފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒިފާ އިއާދަކޮށްދޭ ތާރީހާ ހަމައަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބަން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިންމަސްދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް އެމްޕީއެލް އަށް އަމުރުކޮށްދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒިފާއާބެހޭ އެއްބަސްވުމާ ވެސް ހިލާފަށް ކަމަށްވާތީ، މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށާއި، ޓްރައިބިއުނަލްގައި އޭނާ ތަމްސީލު ކުރުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން ގާނޫނީ ވަކީލު ފީގެ ގޮތުގައި ދައްކަންޖެހޭ 30،240 ރުފިޔާއަކީ ކުންފުނީގެ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ހިލާފު ވުމުގެ ސަބަބުން މިޒްނާއަށް ލިބިފައިވާ ގެއްލުމަކަށްވާތީ، ކޮންޓްރެކްޓާބެހޭ ގާނޫނާ ހިލާފުވެފައި ވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،240 ރުފިޔާ މިޒްނާއަށް ދެއްކުމަށް ކުންފުނީގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދުނެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، މިޒްނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒިފާއާބެހޭ ގާނޫނުގެ ދަށުން ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށްކަމަށް ކަނޑަައަޅާ ކަމަށެވެ.

މިޒްނާއަކީ އެއްވެސް ހާލެއްގައި ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްކަަމަށް ނުބެލުމަށް އަމުރުކޮށް، ވަޒީފާއިން ވަކިކުރިއިރު އޭނާ އަދާކުރަމުންދިޔަ މަގާމަށް ނުވަތަ އެއާ އެއް ފެންވަރުގެ އެކަށީގެންވާ އެހެން މަގާމަކަށް އަނބުރާ ރުޖޫއަ ކުރުމަށް ވެސް އަންގާފައިވެއެވެ.

އެކަށީގެންވާ ސަބަބެއްނެތި މިޒްނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުރަވެވޭތީ ވަޒީފާއާބެހެ ގާނޫނުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރިއިރު މަގާމުގެ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 12،000 ރުފިޔާގެ ނިސްބަތުން ޖުމްލަ 72،000 ރުފިޔާ މިޒްނާއަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި، އެކަންކަން 30 ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ފަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށްވެސް އެމްޕީއެލްގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.