ދިވެހިރާއްޖޭގެ އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅޭގޮތުންނާއި،ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ ގިނަ ނިންމުންތަކެއް ނިންމައިފައެވެ.

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު އާންމުން ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މި ކަންކަމާ ގުޅޭ ސަބް-ކޮމިޓީން ހިއްސާކުރި މައުލޫމާތަށް ރިއާޔަތްކޮށް، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި މަސައްކަތްތައް ކޯޑިނޭޓްކުރާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އަދި އަމަލީ ގޮތުން މިކަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިންނެވެ. މީގެ އިތުރުން، މި ކެމްޕޭން ވިލަރެސްކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

މި ކެމްޕޭނުގައި ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމިއްޔާތައް ބައިވެރިކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. އެގޮތުން، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކެމްޕޭނުގައި ބައިވެރިވާނެ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ނިންމައިފައެވެ. ކެމްޕޭނުގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ އަދި މާލޭ ސަރަހައްދުން ގިނަ ޖަމިއްޔާތަކެއް ބައިވެރިކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރަށްރަށުގައި ތިބޭ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ގައުމީ ކެމްޕޭން ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް އަމާޒަކީ، އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމެވެ. މި ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މި ބައްދަލުވުމުގައި ސަރުކާރުގެ އެހެނިހެން މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ހިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި، އެތަން އަޕްގްރޭޑްކުރުމަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ފަރާތްތަކުން ހޯދައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅޭކަން ކަށަވަރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް އެކަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރުމަށާއި، ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.

ހަމައެއާއެކު، އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި ކޮޕާ ވަޔަރު ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ވެސް ވަނީ ނިންމައިފައެވެ.

ދަތުރުފަތުރުގެ ދާއިރާއިން ވެސް މުހިންމު ނިންމުމެއް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އެގޮތުން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖައާކޮށް، އެ ފެއާ ކުޑަކުރުމަށް ވަނީ ކަނޑައަޅައިފައެވެ.