ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް އިންޝުއަރެންސުން ބައިވެރިވެއްޖެއެވެ.
ގްރޭންޑް ޕާކްސައިޑްގައި މިއަދު ބޭއްވި މި ފޯރަމަކީ އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ކަމާގުޅޭ ފަރާތްތައް އެއްތަންވެ، އެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވި މުހިންމު ފޯރަމެކެވެ.
މި ފޯރަމްގައި އެލައިޑްގެ ފަރާތުން ޕެނަލް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ކަސްޓަމާ ސާވިސް މެނޭޖަރު ހުސައިން ސަވާދެވެ. އޭނާ ވާހަކަދެއްކެވީ "ރީ-އިންޖިނިއަރިން ސަޕްލައި ޗެއިންސް އިން އެން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" މި މައުޟޫއަށެވެ.
މި ޕެނަލްގައި، ދުނިޔެއަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ތެރޭގައި ސަޕްލައި ޗެއިންތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ބަދަލުވަމުންދާ މާކެޓުގެ ހާލަތްތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް، ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އެލައިޑްގެ ފަރާތުން ސްޕީކަރެއްގެ ގޮތުގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖާ އޮފް ސޭލްސް މަރްޔަމް އަސްނާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭނާ ހުށަހަޅުއްވައިދެއްވީ "ސޭފްގާޑް ޔޯ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެކެވެ. މި ޕްރެޒެންޓޭޝަންގައި، އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ މުއްދަތުގައި ދިމާވެދާނެ ނުރައްކާތަކާއި ހީނުކުރާ ފަދަ ހާދިސާތަކުން މަޝްރޫއުތައް ރައްކާތެރިކުރުމަށްޓަކައި، އެކަށީގެންވާ ގޮތެއްގައި ރިސްކް މެނޭޖްކުރުމާއި އިންޝުއަރެންސްގެ ހައްލުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
އެލައިޑުން ބުނީ މި ފޯރަމްގައި ބައިވެރިވުމަކީ، އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް ކުރެވޭ މަޝްވަރާތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
ކޮމެންޓް