ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް ފޯރަމް (އިފްސާ) އިން ދޭ ޝަރަފުވެރި ދެ އެވޯޑެއް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
މި މަހުގެ 20 ވަނަ ދުވަހު ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލުގައި ބޭއްވި 11 ވަނަ އިފްސާ އެވޯޑް ހަފުލާގައި އެލައިޑްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލްއަށް ވަނީ "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" އެވޯޑު ލިބިފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ ކާމިޔާބު ޕްރޮޑަކްޓެއް ކަމަށްވާ "ކަމަނަ ތަކާފުލް" ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ" ގެ ޝަރަފު ހޯދައިފައެވެ.
ޔޫޓީއޯ އެޑިއުކޮންސަލްޓުން އިންތިޒާމުކޮށްގެން "ބިލްޑިންގ ލެގަސީސް" ގެ ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަފުލާގައި ސަރަހައްދުގެ މާލީ އިދާރާތަކާއި އިސްލާމިކް ބޭންކިން ދާއިރާގެ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވިއެވެ.
މި ހަފުލާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ހާއްސަ ހަފުލާއެކެވެ.
އެލައިޑުން ބުނީ މި އެވޯޑުތަކަކީ ތަކާފުލް ވިޔަފާރި ފުޅާކޮށް އިތުރަށް ތަރައްގީކުރުމަށްޓަކައި މިދިޔަ އަހަރު އެ ކުންފުނީގެ މެނޭޖުމަންޓުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ސަގާފީ ލައިފް އިންޝުއަރަންސް ވިއްކުން ހުއްޓާލައި އޭގެ ބަދަލުގައި ފެމިލީ ތަކާފުލް ހިދުމަތް ތައާރަފު ކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އާ ކަސްޓަމަރުންނަށް އެލައިޑްގެ މޯބައިލް އެޕްލިކޭޝަނުން ސަގާފީ އިންޝުއަރަންސް ނެގުމުގެ ފުރުސަތު ބަންދުކޮށް، ހަމައެކަނި ތަކާފުލް އިހުތިޔާރު ކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
އެލައިޑުން ބުނީ ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ހިންގި ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި މާކެޓިން މަސައްކަތްތަކުގެ ސަބަބުން، 2024 އިން 2025 އަށް އެލައިޑް ތަކާފުލްގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.
އެލައިޑުން އިތުރަށް ބުނީ އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލްއަށް ލިބުނު ބައިނަލްއަގުވާމީ އެވޯޑުތަކަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވައި ތަކާފުލްގެ ހިދުމަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ހިތްވަރެއް ކަމަށެވެ.
އަލީ ޔާމިން
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
ކޮމެންޓް