މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސްޓް ޕާކް ފިޝިން ޕްލެޓްފޯމް ތަރައްގީކުރުމުގެ މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ސާވޭ ކުރިއަށްގެންދަނީ އެ ޕްލެޓްފޯމް ތަރައްގީކުރުމުގެ އަމަލީ މަސައްކަތަށް ތައްޔާރުވުމުގެ މަރުހަލާގެ ތެރެއިންނެވެ.

މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސާވޭގައި ބައިވެރިވުމަށް އޮންލައިން ފޯމެއް ވަނީ އާންމުކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، އާންމުންނަށް ފަސޭހަކަމާއެކު މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުރޭނެ ދެ ފޯމެއް ވަނީ ތައްޔާރުކޮށްފައެވެ. މި ފޯމުތަކުގެ ލިންކުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

މި ޕްލެޓްފޯމް ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި އާންމުންގެ އަގުހުރި ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައިގެން މި ސާވޭ ފުރިހަމަކޮށްދީ، އާންމުންގެ ހިޔާލުތައް އެ ކުންފުންޏާ ހިއްސާކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.