ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން އިތުރު ދިހަ މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރުމާއެކު، މިއަހަރުގެ މިހާތަނަށް އެ ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 226 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މި ބަލި ދަނީ ފެންނަމުންނެވެ.

ނަމަވެސް މިހާރުގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ، ދިވެހިންގެ ތެރޭގައިވެސް ބަލި ފެތުރެން ފެށުމާ ގުޅިގެންނެވެ. މި ބަލި ރާއްޖޭގައި ފެތުރެމުންދާތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ހިމަބިހިން ރައްކާތެރިވުމަށް ހިންގާ ވެކްސިން ދިނުމުގެ ހަރަކާތުގެ ދަށުން މިހާތަނަށް 15،552 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުން، ކަނޑައެޅިފައިވާ ވަގުތުގައި ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ވަނީ އަންގައިފައެވެ.

ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް އެޗްޕީއޭ އިން އެދެއެވެ. މީގެ އިތުރުން ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.