ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ދަށުން "ރައިޓް ސައިޒް" ކުރާއިރު ވަކިވާ މުވައްޒަަފުންނަށް އެހީހެ ގޮތުގައި ލޯނުދިނުމަށްޓަކައި 600 މިލިޔަން ފުރިޔާގެ ފަންޑެއް ގާއިމް ކޮށްފައިވާ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކްއެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒިފުން ވަކިކުރާ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ވަޒީފާއިން އަމިއްލައަށް ވަކިވެ، އަމިއްލަ މަސައްކަތްތައް ފަށަން ބޭނުންވާ މީހުންނަށް "ކުމެވި ފަންޑް"ގެ ނަމުގައި ގާއިމް ކޮށްފައިވާ މި ފަންޑުން ލޯނު ލިބޭނެ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްގައި ގާއިމުކޮށްފައިވާ އެ ފަންޑަކީ ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ގޮތެއް ހޯދައިދޭން ގާއިމްކުރި ފަންޑެކެވެ. އެ ފަންޑުން ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލް ބިޒް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައްޔާރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.