ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިި ވަޒީފާ އަދާކުރާ މުވައްޒަފުން، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކްއެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހީމ،ް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު، މިނިސްޓަރާ ސުވާކު ކުރެއްވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައި މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުން ފިޔަވައި ދައުލަތުގެ އެއްވެސް މަގާމަކަށް، މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި އެ މީހަކު ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބުރަވެ ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާކަ މެއް ނޫންކަމަށްވާ އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރަމުން ގެންދަނީ ކީއްވެގެން ކޮން އުސޫލަކުންތޯއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިި ވަޒީފާ އަދާކުރާ މުވައްޒަފުން، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީި ސަރުކާރުން ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ އަދި ކުންފުނީގެ ހަރަދުތަކަކީ ދެކޮޅު ޖެހޭ ގޮތެއްގައި ކުންފުނީގެ މަސައްކަތްތަކާއި މަގުސަދުތައް ހާސިލްވާ ފަދަ ގޮތަކަށް ކުރެވޭ ހަރަދުތަކެއްކަން ކަށަވަރު ކުރުމަށް ރަނގަޅު ގޮތުގައި ހިނގަމުންދާ ތަންތަނަށް ހެދުމަށް އެކުންފުނިތަކަކީ، ކުންފުނި ތެރެއިން ޖެނަރޭޓްކުރާ ރެވެނިއުއަކާ އެއްގޮތަށް ހަރަދުތައް މެނޭޖް ކުރެވޭނެ ކުންފުނިތަކަށް ހެދުމަށް އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދޭންޖެހޭ ލަފާ ކުންފުނިތަކަށް ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.