ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވީއެމްސީން ބުނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މުހިންމު ހަފުލާ ރާއްޖޭގައި ބޭއްވުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި ޕާޓްނާޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އޮފް އެއާ ސާވިސް ޑިވެލޮޕްމަންޓް ނަޝާޔާ އަބްދުލް ވާހިދެވެ.
މި އެއްބަސްވުމުގެ ދަށުން، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބްރޭންޑިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވީއެމްސީން ބުންޏެވެ.
ވީއެމްސީން ބުނީ މިފަދަ ޕާޓްނާޝިޕްތަކުގެ ސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށާއި އަދި ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ތައްޔާރީތައް އިތުރަށް ހަރުދަނާވެ، ދެ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. މިއާއެކު ހަފުލާގެ ކަންކަން އަމާންކަމާއެކު އިންތިޒާމުކުރުމަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ އެއާ ސާވިސް ޑިވެލޮޕްމަންޓް ނަޝާޔާ އަބްދުލް ވާހިދު ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މި ޕާޓްނާޝިޕް ގާއިމުކުރެވިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ފަހުރެއް. މި އެއްބާރުލުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މެދުކެނޑުމެއްނެތި ކުރިއެރުމަށް ދެ ފަރާތުން ވެސް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، އެންމެ ކުރިއަރާފައިވާ މަންޒިލްތަކާއި ބްރޭންޑްތަކުގެ އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑްގެ 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަންގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ކޮމެންޓް