ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޑައިވާސިފައިކޮށް، އިގްތިސޯދީ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މެރިކަލްޗާ ތަރައްގީކުރާނެ އިތުރު 10 ސަރަހައްދެއް ކަނޑައަޅައިފިއެެވެ.
ފާނަ އާލާކުރުމަށް ބޮޑު ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މެރިކަލްޗާ ޒޯނުތައް ތަރައްގީކުރުމަށް ސަރުކާރުން ނިންމީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭރު ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހދ. އަތޮޅު، ށ. އަތޮޅު، ރ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅުގައި މި ސިނާއަތް ތަރައްގީ ކުރުމަށެވެ.
މި ސިޔާސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީން މިއަދު އިއުލާނުކުރި 10 ޒޯނުގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުގެ ދެ ޒޯނަކާއި، މ. އަތޮޅުގެ ތިން ޒޯނަކާއި، ފ. އަތޮޅުގެ ދެ ޒޯނާއި، ދ. އަތޮޅުގެ ދެ ޒޯނުގެ އިތުރުން ގދ. އަތޮޅުން ކަނޑައެޅި ޒޯނެކެވެ.
ރައީސް އޮފީހުން މީގެކުރިން ބުނެފައިވަނީ މި ދާއިރާއިން ވިޔަފާރީގެ އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހެޗަރީތައް ހަދައި، އެ ތަންތަނުގައި އުފައްދާ ދިރުންތައް މޫދު މާހައުލުގައި ބޮޑުކުރުމުގެ މަސައްކަތްތަކަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އަދި މި ޒޯނުތައް ވިޔަފާރިތަކަށް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއްވެސް ކަނޑައާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން، ވިޔަފާރި އުސޫލުން ފާނަ އާލާކުރުމަށް ހާއްސަކޮށްގެން، ކ. ވާދޫ ކަނޑުއޮޅިން ފެށިގެން ދެކުނަށް ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދުރުގައި އޮތް 73 ހެކްޓަރުގެ ފަރުގެ ސަރަހައްދެއް ވަކި ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އދ. އަތޮޅުގެ މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީގައި މޫދުކޮށި ބޭނުންކޮށްގެން ފާނަ ބޮޑުކުރުމުގެ އިތުރުން، ފާނަ އާލާކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް