އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ކޮންގްރެސް 2026 ގެ ތެރެއިން ހާއްސަ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ކޮންގްރެސްގައި އޮބްޒާވަރުންނަށް ހުޅުވާލުމަށް އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނީ މި ފޯރަމްގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ހުށަހަޅާ، މާލީ ގޮތުން ފައިދާކުރެވޭނެ 100 އަށްވުރެ ގިނަ ޕްރޮޖެކްޓްތައް ހުށަހެޅިގެންދާނެ ކަމަށެވެ.

މި ކޮންގްރެސްގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށާއި، ޖަމިއްޔާތަކަށާއި، ކްލަބުތަކަށާއި، މިއުޒިކް ގްރޫޕުތަކުގެ އިތުރުން އެހެނިހެން ޖަމާއަތްތަކަށް ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީން ބުނީ މި ފުރުސަތުގެ ދަށުން ކޮންގްރެސްގައި ބައިވެރިވާ އޮބްޒާވަރުންނަށް ޕާޓީގެ އިޖުރާއާތްތައް ކުރިއަށްދާ ގޮތް ބެލުމުގެ އިތުރުން، ސިޔާސީ އަދި އިގުތިސާދީ މުހިންމު ކަންކަމުގައި ހިޔާލު ބަދަލުކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ލޯކަލް ކައުންސިލްތަކާއި އަދި ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރުގައި ޝައުގުވެރިކަން ހުރި ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ސީދާ މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ އޮންލައިން ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ގައެވެ.