(10 އޯގަސްޓުގެ އަދަދާ ގުޅޭ)
އެއަށްވުރެ ރީތި ކަލާމެއް މީގެކުރިޔަކު އަހަރެންގެ ކަންފަތަކަށް އިވިފައެއް ނުވެއެވެ. އަހަރެންގެ ލަފަޔަކީ އެކަލޭގެފާނު އެއުޅުއްވާ ގޮތްކޮޅަކަށް އުޅުއްވާން ތިޔަބައިމީހުން އެކަލޭގެފާނު ދޫކޮށްލާށެވެ. (އެކަލޭގެފާނާއި ޢަރަބީންނާ ދެމެދުން ތިޔަބައިމީހުން އެއްފަރާތްވެލާށެވެ.) އެކަލޭގެފާނު ޢަރަބީންގެ މައްޗަށް ގަދަވެވަޑައިގެން ކާމިޔާބު ހޯއްދަވައިފި ކަމުގައިވާނަމަ އެއީ ތިޔަބައިމީހުންގެވެސް ޢިއްޒަތްތެރިކަމެވެ. ނުވަތަ ޢަރަބީން އެކަލޭގެފާނުގެ ކަންތައް ނިންމައިލައިފާނެއެވެ. ނަމަވެސް عـُـــتُـــبــة ގެ ބުއްދިވެރި ހުށަހެޅުއްވުން قـــــريـش ންނަކަށް ބަލައެއް ނުގަނެވުނެވެ. (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)
حــمــــــزة ގެފާނާއި عــمــــــر ގެފާނު އިސްލާމްވެ ވަޑައިގެންނެވުން
حــمــــــزة بـــن عــبــد المـطّـلـــب رضـــــى اللّـــه عــنـــــه އަކީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅެކެވެ. حــمــــــزة ގެފާނުގެ މައިކަނބަލުން السّــيّــدة هــالـــة بــنــت وُهَـيْـبُ އާއި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މައިކަނބަލުން السّــيّــدة آمــنــــة بــنــت وَهْــبُ އަކީ ދެބެއިންގެދެދަރި ދެބޭކަނބަލުންނެވެ. މީގެއިތުރަށް އެދެބޭކަލުންނަކީ ކިރުފޮދުގެ ގޮތުންވެސް ދެއަޚުންނެވެ. ދެބޭކަލުންވެސް ވަނީ السّــيّــدة ثــــويــبـــــة الأسـلـمـيّــــة ގެ އަރިހުން ކިރުފޮދު ހިއްޕަވައިފައެވެ. ދެބޭކަލުންގެ ޢުމުރުފުޅުގައިވަނީ ދެއަހަރެއް ނުވަތަ ތިން އަހަރުފުޅެއްހައި ދުވަސްކޮޅެއްގެ ތަފާތެކެވެ. އެހެންކަމުން ކައުނަބިއްޔާގެ އެހެނިހެން ބޮޑުބޭބޭފުޅުންނަށްވުރެ މާބޮޑަށް حــمــــــزة ގެފާނު ކައުނަބިއްޔާދެކެ ލޯބިފުޅުވެއެވެ. حــمــــــزة ގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ ކުރީންވެސް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކޮންމެ ޙަރަކާތްޕުޅެއް حــمــــــزة ގެފާނު ބައްލަވަމުންގެންދެވީ އިންތިހާދަރަޖައިގެ ކުލުނުވެރިކަމާ އެކުގައެވެ. ހަންހާރަވެތިކަމުގެ ނަޒަރަކުންނެވެ.
حــمــــــزة ގެފާނަކީ ޠަބީޢީގޮތުންވެސް ޢަސްކަރީ މިޒާޖުގެ ބޭފުޅެކެވެ. قـــــريـش ވަންހައިގައި އެޒަމާނުގައި ހުންނެވި އެންމެ ވަރުގަދަ ފަހުލަވާނަކީ އެކަލޭގެފާނެވެ. ކޮންމެ ދުވަހަކުވެސް ފަތިހު މޫނުއަނދިރިކަން ހުއްޓައި ދުނިދަނޑިޔާއި ދުނިތައް ހިއްޕަވައިގެން ވަޑައިގަންނަވަނީ ޝިކާރަޔަށެވެ. ހަވީރުވުމުން ގެޔަށް ވަޑައިގަންނަވާއިރު އެންމެފުރަތަމަ ވަޑައިގަންނަވަނީ ޙަރަމްފުޅުގެ ތެރެޔަށެވެ. އެތާނގައި އޮންނަ މަޖިލިސްތަކުގެ ކައިރިޔަށް ވަޑައިގެން މީހުނާ ސަލާމްކުރައްވައި މީހުންގެ ހާލުއަހުވާލު އައްސަވައި ހައްދަވައެވެ. މަދުމަދުން ބައެއް މަޖްލިސްތަކުގައި އިށީނދެވަޑައިގެން މީހުނާ ވާހަކަފުޅު ދައްކަވާން މަޑުކޮށްލައްވައެވެ. އެކަލޭގެފާނުގެ އުޅުއްވުން ހުންނަގޮތްކޮޅުން އެންމެންނާވެސް ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއެވެ. އެންމެންވެސް އެކަލޭގެފާނަށް ކަމޭހިތައެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާމެދު އެދުވަސްވަރު މައްކާގެ މުޝްރިކުން މުޢާމަލާކުރަމުން ގެންދިޔައީ ގާތްތިމާގެފުޅު ބޭކަލުން އެއްކިބާގައި އޮއްވައި ދުރުހިލޭ މީހުންނަށްވެސް ދެކޭން ފަސޭހަވާފަދަ ގޮތަކަށެއް ނޫނެވެ. ޚާއްޞަކޮށް أبــــو جــهـــل ގެ ނުބައިކަމާއި ނުލަފާކަން ހުންނަނީ ހައްދުފަހަނަޅައިފައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެއްދުވަހަކު ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގަންނަވަނިކޮށް ޞަފާ ފަރުބަދަޔާ ހަމައިން أبــــو جــهـــل އާ ދިމާވެވަޑައިގެންނެވިއެވެ. أبــــو جــهـــل އެމާތް ސާހިބާއާ ދިމާޔަށް އޭނާ ހިތަށް އައިހައި އެއްޗެއް ގޮވައިލިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެއްވެސް ޖަވާބެއް ނުދެއްވައި ވަޑައިގެންނެވީއެވެ. އޭރު عــبــد اللّــــه بــــن جــــدعـــان މިނިވަންކުރި އަންހެނެއް އެމަންޒަރު ބަލާން ހުއްޓެވެ. حــمــــــزة ގެފާނު އެދުވަހު ޝިކާރައިން އެނބުރި ވަޑައިގަންނަވާތަން ފެނުމުން އެކަނބުލޮ އެހުރިހައި ވާހަކަތަކެއް ދަންނަވައިފިއެވެ. حــمــــــزة ކޯފާއިސްކުރައްވައި ދުނިދަނޑި އަތްޕުޅުން ހިއްޕަވައިގެން أبــــو جــهـــل މަޖިލީހުގެ ކައިރިޔަށް ވަޑައިގެން އޭނާގެ ބޮލުގައި ދުނިދަނޑީން ޖައްސަވައިފައި ވިދާޅުވިއެވެ. "ކަލޭގެ ތިޔައުޅެނީ ކީކޭ ހީކޮށްގެން ހެއްޔެވެ؟ ބަލަގަ އަހަރެންވެސް އިސްލާމްވެއްޖައީމެވެ. އެކަލޭގެފާނު އެވިދާޅުވާ ވާހަކަފުޅަކީ އަހަރެންވެސް ދައްކާ ވާހަކައެވެ." (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، رحـمت عـــالـــــم صــلّـــــى اللّــــه عــلـيــــه وســلّـــــم: سـيّـــد ســلـيـمــان نــــدوى)
حــمــــــزة ގެފާނު ގާތްތިމާގެފުޅުކަމުގެ ލޯބިފުޅުގައި ކޯފާއިސްވެ ނުއޮބެހެއްޓެވިގެން އެކަލޭގެފާނު އިސްލާމްވެވަޑައިގެންފިކަމުގައި ވިދާޅުވިކަމުގައިވިޔަސް އެހައިތަނަކަށް އެކަލޭގެފާނު ދީނާމެދު ފުންކޮށް ވިސްނައިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އެދުވަހު ގެޔަށް ވަޑައިގެން އިސްލާމްދީނާމެދު ފުންކޮށް ވިސްނައިވަޑައިގެންނެވިއެވެ. ވިދިގެންއައި ދުވަހުގެ ހެނދުނު ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ބައްދަލުކުރައްވައި އިތުރު މަޢުލޫމާތު ހޯއްދެވުމަށްފަހު ގަވާއިދުން އިސްލާމްވެވަޑައިގެންފިއެވެ. عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރިސާލަތުގެ އިރު އުދަވިއިރު عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه ގެ ޢުމުރުފުޅަކީ ހަތާވީސް އަހަރުފުޅެވެ. عــمـــــر ގެފާނަކީ އެހުންނަވާ ގޮތްކޮޅެއްގައި ފިސާރި ސާބިތުކަމުގައި ހުންނަވާ ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިޔެކެވެ. ޖެހިލުންކުޑަ ހިތްވަރުފުޅުގަދަ ބޭކަލެކެވެ. ތައުޙީދުގެ އަޑަކީ عــمـــــر ގެފާނުގެ ޚާންދާނަށް ބީރައްޓެހިފުޅު އަޑެއް ނޫނެވެ. زيــــد بـــن عــمـــــــرو بـــن نـُــفَــيْــل ގެ ސަބަބުން އެ ޢާއިލާއަށްވަނީ ތައުޙީދުގެ ގޮވައިލެއްވުން ތަޢާރުފުވެފައެވެ. زيــــد ގެ ދަރިކަލުން سعـيـد އަކީ السّــابــقــــون الأوّلـــون ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން السّــيّــدة فــاطــمــــة بـنـت خـطّـــاب ވެސް ވަނީ އެ ހައިސިއްޔަތުން އިސްލާމްވެވަޑައިގެންފައެވެ. އެކަމަނާއަކީ عــمـــــر ގެފާނުގެ ކޮއްކޯފުޅެވެ. އެ ވަންހައިގެ ޢިއްޒަތްތެރި ބޭކަލެއްކަމުގައިވާ نــعــيـــم بــــن عــبــد اللّــــه رضـــــى اللّــــه عــنـــــه އިސްލާމްދީން ފައުޅުނުކުރެއްވި ކަމުގައިވިޔަސް އެކަލޭގެފާނުވެސް ވަނީ އިސްލާމްވެވަޑައިގެންފައެވެ. ނަމަވެސް عــمـــــر ގެފާނު ހުންނެވީ އިސްލާމްދީނާ ވަރަށް ދުރުހިލޭ ބޭކަލެއްގެ ގޮތުގައެވެ. އިސްލާމްދީނުގެ ނިދާ ވެފައިވަނީ އެކަލޭގެފާނުގެ ކަންފަތްޕުޅަށް ވަރަށްވެސް ނުރުހެވޭ އަޑެއް ކަމުގައެވެ. ނުހަނު ފޫހިފުޅު އަޑެއް ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ ވަންހަފުޅުން އިސްލާމްވެވަޑައިގަންނަވާ ކޮންމެ ބޭބޭކައުކަނބަލަކާމެދު عــمـــــر ގެފާނު ހުންނަވަނީ އިންތިހާޔަށް ދުޝްމިނުވެވަޑައިގެންފައެވެ. އެ ޚާންދާނުގެ ޚާދިމާއެއްކަމުގައިވާ لُــبَــيْــنَــة رضــــى اللّــــه عــنـــهـــا އަށް عــمـــــر ގެފާނު ވަރަށްބޮޑަށް އަނިޔާކުރެއްވިއެވެ. އެވާހަކަ ވަނީ އިސްވެގޮސްފައެވެ. لُــبَــيْــنَــة ގެ އިތުރަށްވެސް عــمـــــر ގެފާނަށް ބާރުފޯރުއްވެވޭ ކޮންމެ މީހަކަށްވެސް ނިހާޔަތަށް އަނިޔާކުރެއްވިއެވެ. އިސްލާމްދީނުގެ ތެދުވެރި ޢާޝިޤުންގެ ދީނީ މަސްތަކީ ފިލުވައިލެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން عــمـــــر ގެފާނު ގަދައަޅުއްވައި ކުރެއްވި މަސައްކަތްޕުޅާއި އަނިޔާފުޅުތަކުންވެސް އެއްވެސް މީހަކު ދީނުން ބޭރުކޮށެއް ނުލެއްވެވުނެވެ. އެކަމާހުރެވެސް عــمـــــر ގެފާނު ކޯފާއިސްވަނީ އަމަށަކު ވަރަކަށެއް ނޫނެވެ. ކޯފާގެ ޖަޒުބާތު ނުއޮބެހެއްޓެވިގެން އެންމެފަހުން ގަސްދުކުރެއްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކޮށްލައްވާށެވެ. އެބޭނުންފުޅުގައި އެއްދުވަހަކު ކަނޑިކޮޅު އަޅުއްވައިގެން ގެއިން ނުކުމެވަޑައިގެންނެވިއެވެ. ނަމަވެސް ތަޤްދީރުގެ ގަލަންކޮޅުން ލިޔެވެމުންދިޔައީ عــمـــــر ގެފާނުގެ ޙަޔާތްޕުޅުގެ މުޅީން ތަފާތު އެހެން ރަންކުލައިގެ ބާބެކެވެ.
عــمـــــر ގެފާނު ކަނޑިކޮޅު އަޅުއްވައިގެން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ހޯއްދަވާން ވަޑައިގަންނަވަނިކޮށް މަގުމަތީން نــعــيـــم بــــن عــبــد اللّــــه رضـــــى اللّــــه عــنـــــه އާ ބައްދަލުވެވަޑައިގެންފިއެވެ. عــمـــــر ގެފާނު ހުންނެވި މޫޑު ފެނިވަޑައިގެންނެވުމުން نــعــيـــم بــــن عــبــد اللّــــه رضـــــى اللّــــه عــنـــــه ސުވާލުކުރެއްވިއެވެ. "އަނެއްކާ ގަދަވެވަޑައިގެން އުޅުއްވަމުތޯއެވެ؟ ކަނޑިކޮޅު ހިއްޕަވައިގެން ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟" عــمـــــر ގެފާނު ވިދާޅުވިއެވެ. "މިދަނީ محــمّــــد ގެފާނު (صــلّـــــى اللّــــه عــلـيــــه وســلّـــــم) ޤަތުލުކޮށްލާށެވެ. އެކަލޭގެފާނު އަޅުގަނޑުމެންގެ ތެރެއިން ރަނގަޅުރަނގަޅު އެތައްބަޔަކު މަގުފުރައްދަވައިފިއެވެ." نــعــيـــم ވިދާޅުވިއެވެ. "އިހަށް ކަލޭގެފާނުގެ އަމިއްލަފުޅު ގެކޮޅުގެ ޚަބަރު ބައްލަވައިލައްވާށެވެ. ކަލޭގެފާނުގެ ޅިޔަންބޭބޭފުޅު سعـيـد بـــن زيـــد އާއި ކޮއްކޯފުޅު فــاطــمــــة بـنـت خـطّـــاب އާ ދެކަނބަލުންވެސް އިސްލާމްވެވަޑައިގެންފި ނޫންތޯއެވެ؟"
عــمـــــر ގެފާނު ކޯފާއިސްކުރައްވައި އަނބުރައިލައްވައިފައި ވަޑައިގެންނެވީ سعـيـد بـــن زيـــد رضـــــى اللّــــه عــنـــــه އާއި السّــيّــدة فــاطــمــــة بـنـت خـطّـــاب رضــــى اللّــــه عــنـــهـــا އާ ދެކަނބަލުން ދިރިއުޅުއްވާ ގެކޮޅަށެވެ. އޭރު އެދެކަނބަލުން ތިއްބެވީ قــــــرآن ކިޔަވައި ވިދާޅުވާށެވެ. عــمـــــر ގެފާނުގެ ފިޔަވަޅުފުޅުގެ އަޑު އިވިވަޑައިގެންނެވުމުން އެދެކަނބަލުން ކިޔަވައި ވިދާޅުވުން ހުއްޓައިލައްވައިފިއެވެ. އެދެކަނބަލުން ކިޔަވައިވިދާޅުވަމުން ގެންދެވި ކީރިތި قــــــرآن ގެ ގުއްރާސްތައް ފޮރުއްވައިފިއެވެ. ނަމަވެސް عــمـــــر ގެފާނަށްވަނީ އެ އަޑު އިވިވަޑައިގެންފައެވެ. عــمـــــر ގެފާނު އެކަލޭގެފާނުގެ ކޮއްކޯފުޅަށް ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ ކިޔަވަނީ ކޮންއެއްޗެއް ހެއްޔެވެ؟" فــاطــمــــة ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްޗެއް އެބަކިޔަވަމުތޯއެވެ؟" عــمـــــر ގެފާނު ވިދާޅުވިއެވެ. "އަހަރެން އަޑުއަހައިފީމެވެ. ތިޔަ ދެމީހުން މުރުތައްދު ވެއްޖައީމުއެވެ." އެހެން ވިދާޅުވެފައި ޅިޔަންބޭބޭފުޅުގެ ތުނބުޅިފުޅާއެކު ގިރުވާނުކޮޅުގައި ހިއްޕަވައި ވައްޓައިލައްވައިގެން ތަޅުއްވައި ލޭގަނޑަކަށް ހައްދަވައިލެއްވިއެވެ. عــمـــــر ގެފާނުގެ ކޮއްކޯފުޅު السّــيّــدة فــاطــمــــة رضــــى اللّــــه عــنـــهـــا ފިރިކަލުން ސަލާމަތްކުރައްވާން އެދެމެދަށް ވެދެވަޑައިގެންނެވުމުން އެކަމަނާގެ ގައިކޮޅުގައިވެސް ތަޅުއްވައި ލޭފޮދު އޮހޮރުވައިލައްވައިފިއެވެ. ނަމަވެސް އެދެމަފިރިކަނބަލުން އިސްލާމްދީންދެކެ ވެވަޑައިގަންނަވާ ލޯބިފުޅަކީ عــمـــــر ގެފާނުގެ ތަސައްވުރަށްވުރެ މާމަތިވެރި ލޯބިފުޅެކެވެ. السّــيّــدة فــاطــمــــة رضــــى اللّــــه عــنـــهـــا ވިދާޅުވިއެވެ. "އޭ عــمـــــر އެވެ! ހިތްޕުޅަށް އެރިވަރެއް ކުރައްވާށެވެ. އެކަމަކު ދެނެއް އިސްލާމްކަން އަޅުގަނޑުމެންގެ ހިތްތަކަކުން ނުނެރުއްވޭނެއެވެ. السّــيّــدة فــاطــمــــة رضــــى اللّــــه عــنـــهـــا ގެ އެބަސްފުޅުން عــمـــــر ގެފާނުގެ ހިތްޕުޅަށް ވަރަށްބޮޑަށް އަސަރުކޮށްފިއެވެ. އޭރު އެކަމަނާގެ ގައިކޮޅުންވެސް ލޭފޮދު އޮހޮރެއެވެ. عــمـــــر ގެފާނަށް އެތަން ފެނިވަޑައިގެންނެވުމުން އަޚުވަންތަކަމުގެ ލޯބިފުޅު ކެކިއުތުރިގެންފިއެވެ. ލޯބިފުޅުން ފުރިފައިވާ ނަޒަރަކުން ކޮއްކޯފުޅާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅުގައި ނުހަނު ބޮޑަށް ހަމްދަރުދީ އުފެދިއްޖެއެވެ. عــمـــــر ގެފާނު ވިދާޅުވިއެވެ. "ތިޔަބޭފުޅުން ކިޔަވައި ވިދާޅުވި އެއްޗެއް އަޅުގަނޑަށް އަޑުއިއްވަވާށެވެ. السّــيّــدة فــاطــمــــة رضــــى اللّــــه عــنـــهـــا އެދެކަނބަލުން ކިޔަވައިވިދާޅުވާން ގެންގުޅުއްވި ގުއްރާސްތައް ގެންނަވައި عــمـــــر ގެފާނުގެ ކުރިފުޅުމަތީގައި ބަހައްޓަވައިފިއެވެ. އެ ގުއްރާސްތަކުގައިވަނީ ســـــورة الحــديــــد ގެ ބައެކެވެ. عــمـــــر ގެފާނު އެފަތްފުށްތައް ނަންގަވައިގެން ވިދާޅުވާން ފައްޓަވައިފިއެވެ.
"އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް اللّــــه އަށް ތަސްބީޙު ކިޔައިފިއެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الحــديــــد: 1)
عــمـــــر ގެފާނު ވިދާޅުވަމުން ގެންދަވައި އެސޫރަތުގެ ހަތްވަނަ އާޔަތް ވިދާޅުވާން ފެއްޓެވުމާއެކު ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުނުވެއެއް ނުހުންނެވުނެވެ. އެމާތް އާޔަތުގެ ކުރީބައިގެ މާނައިގައިވަނީ:
"اللّــــه އާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ." (الحــديــــد: 7)
މިހައިތަނަށް ވިދާޅުވާއިރަށް ބޭއިޚްތިޔާރުގައި ގޮވައިލެއްވެވިއްޖެއެވެ.
اَشْـهَــدُ اَنْ لاَاِلَــــهَ اِلاَّ اللَّـــهُ وَاَنَّ مُـحَــمَّــدًاعَـــبْــدُهُ وَرَسُــــوْلُـــهُ އެވެ.
އެދުވަސްވަރަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމީ ތާރީޚުގެ އެންމެފުރަތަމަ މަދަރުސާ دارالأرقـــم ގައި މިތުރު ޞަޙާބީންނާއެކު މަޖްލިސްކުރައްވައި އުޅުއްވި ދުވަސްވަރެވެ. عــمـــــر ގެފާނު ވަޑައިގެން އެގެކޮޅުގެ ދޮރުކޮޅުގައި ޓަކިދެއްވައިފިއެވެ. އޭރުވެސް ހުންނެވީ ކަނޑިކޮޅު އަޅުއްވައިގެންނެވެ. އެހެންކަމުން ޞަޙާބީން ދޮރުކޮޅު ހުޅުއްވާން ފަސްޖެހިވަޑައިގެންނެވިއެވެ. ނަމަވެސް حــمــــــزة رضـــــى اللّـــه عــنـــــه ވިދާޅުވިއެވެ. "ދޮރު ހުޅުއްވައިލައްވާށެވެ. އިޚްލާޞްތެރި ހިތްޕުޅަކާއިގެން ވަޑައިގެންނެވި ކަމުގައިވާނަމަ ރަނގަޅީ އޭނާއަށެވެ. އެހެންނޫނީ އޭނާގެ ކަނޑިކޮޅުން އޭނާގެ އިސްތަށިފުޅު ކަނޑުއްވައިލައްވާނަމެވެ."
ޞަޙާބީން ދޮރުކޮޅު ހުޅުއްވައިލެއްވުމާއެކު عــمـــــر ގެފާނު އެތެރެޔަށް ވެދެވަޑައިގެންފިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކުރިޔަށް ޖެހިވަޑައިގެން عــمـــــر ގެފާނުގެ ކަނޑިކޮޅުގެ ފާލިކީއާއެކު ފުށުނގުގައި ހިފަހައްޓަވައިފައި ނަބަވީ ހައިބަތާއި ކީރިތި މޫރިތިކަމުން ފުރިފައިވާ އަޑުފުޅަކުން ސުވާލުކުރެއްވިއެވެ. "އޭ عــمـــــر އެވެ. ތިޔަވަޑައިގެންނެވީ ކޮން މުހުތާދުފުޅަކުތޯއެވެ؟" ނަބަވީ އަޑުފުޅުގެ ޖަލާލަތުގެ ސަބަބުން عــمـــــر ގެފާނު ތުރުތުރުއަޅައި ވަޑައިގެންނެވިއެވެ. عــمـــــر ގެފާނު ވިދާޅުވިއެވެ. "މިއައީ އީމާންވާށެވެ!" ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އުފާފުޅުން ބޭއިޚްތިޔާރުގައި ވަރަށް ބާރަށް اللّــــه أكـبــــــر އެވެ ވިދާޅުވިއެވެ. އެހިނދު ޞަޙާބީންވެސް އެއްއަޑުފުޅަކުން ވަރަށް ބާރަށް اللّــــه أكـبــــــر ގެ ނަޢުރާކުރެއްވިއެވެ. މައްކާގެ ފަރުބަދަތަކުގެ ތެރޭގައި އަޑުފުޅު ގުގުމައިލިއެވެ.
عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުމަކީ އިސްލާމީ ތާރީޚުގެ އައުދައުރެއް ފެށުމެވެ. އެހައިތަނަށްވަނީ ސާޅީހަކަށް ފަންސާހަކަށް ބޭބޭކައުކަނބަލުން އިސްލާމްވެވަޑައިގެންފައެވެ. ޢަރަބީންގެ މަޝްހޫރު ބަހާދުރު سـيّـــد الـشّـهـــداء حــمــــــزة بـــن عــبــد المـطّـلـــب رضـــــى اللّـــه عــنـــــه ވެސް ވަނީ އިސްލާމްވެވަޑައިގެންފައެވެ. ނަމަވެސް މުސްލިމުންނަކަށް އެބައިމީހުންގެ ދީނީ ވާޖިބުތައް ފާޅުގައި އަދައެއް ނުކުރެވެއެވެ. كــعـــبـــة ގެ އަރިހުގައި ނަމާދުކުރުމަކީ ގާތްގަނޑަކަށް މުސްތަޙީލު ކަމެކެވެ. عــمـــــر رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުމާއެކު ޙާލަތު ބަދަލުވެއްޖެއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެން އެކަން ފާޅުކުރެއްވުމުން قـــــريـش ން ކުރީކޮޅުގައި އެކަލޭގެފާނާ ދެކޮޅަށްވެސް ވަރަށް ވާގިލިއެވެ. ނަމަވެސް عــمـــــر رضـــــى اللّــــه عــنـــــه ގެންދެވީ ސާބިތުކަމާއެކު އެބައިމީހުންނަށް ރައްދު ދެއްވަމުންނެވެ. މުސްލިމު ޖަމާޢަތާއެކު ފާޅުގައި ވަޑައިގެން ގެފުޅުގެ އަރިހުގައި ނަމާދުކުރައްވައިފުމާ ހަމަޔަށެވެ. إبـــن هشــام ވަނީ عــبــد اللّــــه بـــن مسعــــود رضـــــى اللّــــه عــنـــــه ގެ ބަސްފުޅަކުން އެވާހަކަ ރިވާކުރައްވައިފައެވެ.
"فَـلَــمَّـــا اَسْــلَـــمْ عُـــــمَـــــر قَــاتَــلَ قُــــرَيْـشَـــا حَـــتَّى صَــلَّــــى عِـــنْــــدَالْــكَــعْــبَــتُ وَصَــلِّــيْــنَــا مَـــعَــــهُ "
"عــمـــــر ގެފާނު އިސްލާމްވެވަޑައިގެންނެވީއްސުރެ قـــــريـش ންނާ ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. ގެފުޅުގެ އަރިހުގައި ނަމާދު ކުރައްވައިފުމަށް ދާންދެނެވެ. އަހަރެމެންވެސް އެކަލޭގެފާނުގެ އަރިހުގައި ނަމާދު ކުރީމުއެވެ."
ޞަޙީޙު ބުޚާރީގެ ރިވާޔަތެއްގައިވެއެވެ. عــمـــــر ގެފާނު އިސްލާމްވެވަޑައިގެންނެވުމުން قـــــريـش ންގެ ތެރޭގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން ވަރަށް މައްޗަށް އުފެދުނެވެ. އެއްދުވަހަކު ޙަރަމްފުޅުގެ ތެރޭގައި އެފަދަ އަރައިރުންގަނޑެއް ހިނގަނިކޮށް قـــــريـش ވަންހައިގެ ބޮޑެއް ކަމުގައިވާ عــاص بــــن وائـــل އަށް އެތަނަށް ދެވިއްޖެއެވެ. އޭނާ ސުވާލުކުރިއެވެ. "މި ހިނގަނީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟" މީސްތަކުން ޖަވާބުދިނެވެ. "عــمـــــر މުރުތައްދު ވެއްޖެއެވެ." عــاص بــــن وائـــل އެމީހުންގާތު ބުންޏެވެ. "އަހަރެން عــمـــــر އަށް ޙިމާޔަތް ދީފީމެވެ." (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى) އެކަމަކު عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه، عــاص އަކީ އެކަލޭގެފާނުގެ ނިވާފަތްގަނޑެއް ކަމުގައި ބެއްލެވީކީ ނޫނެވެ.
މީހުންނަށް އެބައިމީހުންގެ ޤައުމުގައި ލިބިފައިވާ ޙުރުމަތާއި ކަމޭހިތުމާއި ބާރާއި އެބައިމީހުންގެ ޢަމަލީ ކުރުންތެރިކަމަކީ އިންސާނީ ޖައުހަރުގެ މޮޅުކަމެވެ. އެހެންކަމާއެކުވެސް އެކަންކަން ނުއަތުބުރެއް އަޅައިފިކަމުގައިވާނަ އެސިފަތައް ބަދަލުވަނީ ހިތްހަރުކަމާއި ރަޙްމު ކުޑަކަމަށެވެ. އަނިޔާވެރި ކަމަށެވެ. އިސްލާމްދީން މަޑުމަޑުން ފެތުރެމުންދާން ފެށުމުން قـــــريـش ންނަށްވެސްވީ އެކަހަލަ ގޮތެކެވެ. މުސްލިމުން މި ހަސްތީން ނައްތައިލައި އިސްލާމީ ތަޙްރީކުގެ ހުވަންހިލަންވެސް ނައްތައިލުމަކީ ޢާންމު އިންސާނީ ނަޒަރަކުން ބަލާއިރު قـــــريـش ންނަށް ނުކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ. އެކަމަކު މާތް اللّــــه މިންވަރުކުރައްވައިފައިވަނީ މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް އެކަލާނގެ ދީން ފުރިހަމަ ކުރައްވާށެވެ. އެހެންކަމުން އެކަލާނގެ މިންވަރުފުޅުން އަސްބާބުތަކުގެ ސިލްސިލާގެ ތެރެއިން ދިޔައީ އެކަމަށް މަގު ހުޅުވެމުންނެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް