ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ބޭފުޅުންނާ ބެހޭ ގޮތުން ޝަކުވާއެެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް އިއްޔެ ފޮނުއްވީ، މިހާރު އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި، ގދ. ތިނަދޫ އަސޭ، ސަމާއު އަހްމަދު ނަޖީބުގެ މެންބަރު ކަމުގެ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ، ސަމާއުގެ އިތުރުން ކ. މީނާޒު ޝައްމޫން ހަމީދުގެ ނަމެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންދެއްވުމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.
މީގެތެރެއިން ޝައްމޫން ވަނީ މީގެ ކުރިންވެސް އެޗްއާރުސީއެމްގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ.
އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ޖެންޑާ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މިކަމާ ބެހޭގޮތުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުުމުގައި ވަނީ، އެ ދެ ބޭފުޅުންނާ ގުޅޭ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އާއްމުކޮށް ހުޅުވާލަން ފާސްކޮށްފައެވެ.
އެގޮތަށް ފާސް ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ދެ ބޭފުޅުންގެ ތެރެއިިން ބޭފުޅަކާ ބެހޭ ޝަކުވާއެއް އޮތްނަމަ މާދަމާ މެންދުރު 2:00 ގެ ކުރިން އެ ޝަކުވާއެއް ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިއުމަކުން ހުށަހަޅަން ހުޅުވާލައިފައެވެ.
ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް އެތަނުން ބޭފުޅަކު އައްޔަން ކުރަން މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް