މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމިގެންދާއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގައި، އެބިލަށް ފާޑު ވިދާޅުވެ އިދިކޮޅު އެމްޑީޕީ މެންބަރުން ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

މި އިސްލާހަށް ފާޑުކިޔައި އެމްޑީޕީ މެންބަރުން ވިދާޅުވީ، ދިވެހި ކުންފުނިތަކަށް ފައިދާ ވާނީ އެ ކުންފުނިތަކަށް ސަރުކާރުން ދޭން އޮތް ފައިސާ ދީ ހަމަކުރުމުން ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނެސްގެން ބޭރު ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކުރި ނަމަވެސް، ސަރުކާރު ޕްރޮޖެކްޓްތައް ދައުލަތުގެ ކުންފުނިތަކަށް ދީ އެ ކުންފުނިތަކުން ޕްރޮޖެކްޓްތައް އަނެއްކާ ބޭރު ކުންފުނިތަަކަށް ދޭނަމަ ދިވެހި ކުންފުނިތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

އެގޮތުން ބޭންކު އޮފް މޯލްޑިވްސް އިންނާއި އެމްއޭސީއެލް އިން ކުރިއަށްގެން ފްލެޓް ޕްރޮޖެކްޓްތައް އެ ކުންފުނިތަކުން، ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކަށް ދީފައިވާ ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން އެ ބިލު ހުށަހަޅާފައި ވަނީ ބޭރު ކުންފުނިތަކުގެ ޓެކްސް ބޮޑުކުރަން ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ކުންފުނިތަަކަށް މަސައްކަތް ލިބި ރާއްޖެއަށް ބޮޑެތި ފައިދާތަކެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ދައުރު ނިމޭއިރުގައި ދިވެހިންނަށް އަދި ކޮންސްޓްރަކްޝަން ވިޔަސް އެހެންކަމެއް ވިޔަސް މިހުރިހާ މަސައްކަތެއްގެ ބާރުވެރިކަން ދިވެހިންނަށް ލިބިގެންދާނެ، މިއީ ޝައްކެއް އޮތް ކަމެއްވެސް ނޫން މީގެ ފައިދާ ވާނީ ކޮސްޓްރަކްޝަން ކުންފުނިތަކަށް އަދި ވިޔަފާރިވެރިންނަށް،"

ބިލު ކިތަންމެ ރަނގަޅު ވިޔަސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ކޮންމެ ބިލެއް ދިރާސާކޮށްލުމަށްފަހު، އެ ބިލަކީ ގޯސް ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން ދާ ކަމަށެވެ.

"މަޖިލީހަށް އަންނަނީއަކީ ހިތައް އެރި އެއްޗެއް ގޮވާކަށެއް ނޫން، އެހެން ނަމަވެސް ބައެއް ފަހަރު އެބައި މީހުން ގޮވީމަ ހިތަށްއަރާ އެއްޗެހި ގޮވަންވެސް އެބަޖެހޭ، އެހާލަތުވެސް އެބައާދޭ އެހާލަތު އައީމަ އެހާލަށް ވެސް ނުގޮސް ވާކަށްވެސް ނޯވޭ، އެބަޔަކުވެއްޓޭ ފެންވަރަކަށް ނުވެއްޓިވެސް މި މަޖިލީހުގައި އުޅެވޭކަށް ނެތް،"