ބ. ކެންދޫ ސްކޫލްގެ ސްކައުޓް ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނަގައިފިއެވެ.

ކެންދޫ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެރަށު ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށާއި ހުނަރު ތަރައްގީ ކުރުމަށް މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ސްކައުޓް ކޭމްޕް ބޭއްވުމަށް ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގެމެންދޫ ތައްޔާރުކުރަމުން ދަނިކޮށް، އެ ތަނަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ކޭމްޕް ބޭނުމަށް ގެންގުޅުނު ގިނަ އަދަދެއްގެ ސާމާނު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެކަމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުން ބުންޏެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ނޫޑްލްސް ކޭހަކާއި ބިސްކޯދު ކޭހަކާއި ނަރު ފޮށިގަނޑަކާއި ސާކިޓު ބޯޑަކާއި ސަތަރިއަކާއި ކަރަންޓު ބުރުމާއަކާއި ބެޓަރި ބުރުމާއަކާއި ސާކިއުލާ ސޯއަކާއި ގްރޭންޑަރަކާއި ވަޅު ދިޔަ ހިއްކާ ޕަމްޕަކާއި ދެ މާކަރެއްގެ އިތުރުން ރިޗާޖަބަލް ދެ ލައިޓް ވެސް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

އަދި އެއީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި ކުދިންގެ ސަލާމަތާއި ކާބޯތަކެތީގެ ބޭނުމަށް ގަނެފައިވާ އެއްޗެހި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ސްކޫލް ދަރިވަރުންނަށް ދިިރިއުޅުމުގެ ހުނަރުތަކާއި ބިނާކުރަނިވި އަހުލާގު ދަސްކޮށްދިނުމަށް ރޭވި އެ ހަރަކާތަށް ހުރަސްއެޅޭ ގޮތަށް ހިންގި މި ވައްކަމުގެ ސަބަބުން ކޭމްޕްގެ އިންތިޒާމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިކަން ކުރި ބަޔަކު ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންނާ ގުޅިގެން ކައުންސިލުން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އަދި ވަގަށް ނެގި ތަކެތި ބަޔަކު/މީހަކު ވިއްކަން އުޅޭކަމުގެ ޝައްކެއް ކުރެވޭ ނަމަ ފުލުހުންނާއި ކައުންސިލަށް ރިޕޯޓްކުރުމަށް ކެންދޫ ކައުންސިލުން ވަނީ އެދިފައެވެ.

ދަރިވަރުންގެ ސްކައުޓް ކޭމްޕް ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މިވަގުތު ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.