މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުގެ ބަޔަކު ހެކުކޮށްފައިވާ ކަމަށްބުނެ ދައުރުކުރަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލުގަނެ، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ވަނީ ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސްފައެވެ. އަދި ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު ރީސްޓޯކޮށް ރައްކާތެރި ކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީން ކަށަވަރުކޮށްދޭ ގޮތުގައި ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވާނެއެވެ. މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔާވޯލަށް ހަމަލާއެއް ދީގެން ހިންގާފައިވާ ހެކްކުރުމުގެ އަމަލެއް ނޫންކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާ މެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ދީފައެވެ.
އެމްޓީސީސީން ބުނިގޮތުގައި މިފަދަ އަމަލުތަކުގެ މަގުސަދަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ކުންފުނިން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތިނަން ކިލަނބުކޮށްލުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ކުންފުނި ދެމިއޮންނާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް