އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކޮމިޝަންގެ ބަލައި ފާސްކުރުމުގެ އަމުރަކާ އެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ޖެންޑާ މިނިސްޓްރީއަށް ވަދެއްޖެއެވެ.

އެޗްއާރުސީއެމްގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާގެ ދަށުން ނެރުނު އެ ކޮމިޝަންގެ އަމުރުގައި މިއަދުގެ ހެނދުނު 9:00 އިން މާދަމާ ރޭ 11:59 އާ ހަމައަށް ބާރު ދީފައިވެއެވެ.

އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު "ވަން" އަށް ވިދާޅުވީ އެ މިނިސްޓްރީއަށް ވަދެފައިވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތުތައް ސާފުކުރުމަށް ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 9:30 ހާއިރު އެ މިނިސްޓްރީއަށް ގޮސްފައިވަނީ، އެ މުއައްސަސާގެ މެންބަރުންނާއި މުއައްޒަފުން ހިމެނޭ ޓީމަކުން ކަމަށެވެ. އެކަމާ ގުޅުންހުރި މައުލޫމާތުތައް މިހާރު އެއްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ބޭނުންވާ ހުރިހާ މައުލޫމާތެއްވެސް އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ކޮމިޝަންގެ ޓީމުން އަދިވެސް އަންނަނީ މިނިސްޓްރީގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންނަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.

ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުގައި ލިބުނު މި ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މަންމަގެ ދިރިއުޅުމުގެ މާހައުލާއި، ނަފުސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ. އަދި އާއިލާގެ ފަރާތުން ކުއްޖާއަށް އަޅާލާނެ އިތުރު ބަޔަކު ނެތުމަކީވެސް ކުއްޖާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ކަމެއް ކަމަށެވެ.