ދެހާސް ބާވީސްވަނަ އަހަރުގެ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ޝިއާއު މަރުގެ މައްސަލައިގައި ސާހިލްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ޕްރިސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޝާހިލްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިދިޔަ ހަފްތާގެ ތެރޭގައި ދެ ފަރާތުގެ ހުލާސާ ބަޔާން ނަގައި ނިންމާލައިފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެ އަޑުއެހުން 30 ދުވަސް ތެރޭގައި ބާއްވާނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޝާހިލް ހައްޔަރުކުރި ފަހުން، އޭނާގެ މައްޗަށް ކުރި ބައެއް ދައުވާތައް ސާބިތުވެ، މިހާރުވެސް އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ޝިއާއު މަރުވިކަން ޕޯސްޓްމޯޓަމް ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
އިސްކަންދަރު ކޮށީގައި 2024 އޮގަސްޓް 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މޭޖާ ކުރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ ޝާހިލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށް ޓެސްޓު ކުރިއިރު, އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.
ޝިފާއު ވިދާޅުވެފައިވަނީ ހަމަލާ ދޭން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދާފައިވާ ކަމަށެވެ. އެއީ ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ޝިފާއު ވިދާޅުވެފައިނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެތަނުން މަސްކަނޑާ ވަޅިއެއް ވަނީ ފެނިފައެވެ.
އަލީ ޔާމިން
މަރު
މަރު
މަރު
މަރު
ކޮމެންޓް