ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ދެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ދެބޭފުޅެއްގެނަން މަޖިލީހަށް ފޮނުއްވީ، މިހާރު އެކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި، ގދ. ތިނަދޫ އަސޭގެ ސަމާއު އަހްމަދު ނަޖީބުގެ މެންބަރު ކަމުގެ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ، ސަމާއުގެ އިތުރުން ކ. މީނާޒު ޝައްމޫން ހަމީދުގެ ނަމެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންދެއްވުމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އެޗްއާރުސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުއްވި ދެ ބޭފުޅްނަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެބޭފުޅުން ކަމަށެވެ.

މީތެރެއިން ޝައްމޫން ވަނީ މީގެ ކުރިންވެސް އެޗްއާރުސީއެމްގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ޖެންޑާ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ނަގާ ވޯޓަކުންނެވެ.