އަނުރާގް ބާސޫ ޑައިރެކްޓުކުރާ ރޮމޭންޓިކް މިއުޒިކަލް ފިލްމުގެ ޝޫޓިން ފުރިހަމަކުރުމަށްޓަކައި ބަތަލާ ސްރީލީލާ މުމްބާއީއަށް ގޮސް، ޝޫޓިން ފަށައިފިއެވެ. ކާތިކް އާރްޔަން ލީޑު ރޯލުން ފެންނަ މި ފިލްމުގެ މަސައްކަތް ސްރީލީލާ އަލުން ފެށިކަން ރިޕޯޓުކޮށްފައިވަނީ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިންނެވެ.

މި ފިލްމުގެ ޝޫޓިން އެކި ފަހަރު މަތިން ލަސްވެ، ފިލްމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް މީގެ ކުރިން އަޑުފެތުރުނެވެ. ނަމަވެސް ޕިންކްވިލާއަށް މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްރީލީލާ މިހާރު އަންނަނީ މުމްބާއީގައި އޭނާގެ ބައިތައް ޝޫޓުކުރަމުންނެވެ.\

“އަނުރާގް ބާސޫގެ ފިލްމުގެ ޝޫޓިން ސްރީލީލާ މުމްބާއީގައި ފަށައިފި. އޭނާ މިހާރު އަންނަނީ އޭނާގެ ބައިތައް ޝޫޓުކުރަމުން، އަދި ޝެޑިއުލް ކުރިއަށްދަނީ ރޭވިފައިވާ ގޮތަށް. މިއީ ބޮޑު ބަޖެޓަކުން އުފައްދާ ރޮމޭންޓިކް މިޔުޒިކަލް ފިލްމެއް،” އެ ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މިއީ ސްރީލީލާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގައި ކާތިކް އާރްޔަން ކުޅެން ޖެހޭ ގިނަ މަންޒަރުތައް މިހާރު ނަގައި ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ނަމާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވާއިރު، ފުރަތަމަ މިއީ “އާޝިގީ 3” ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް ޓީ-ސީރީޒްއާއި ވިޝޭޝް ފިލްމްސްއާ ދެމެދު އުފެދުނު މައްސަލައަކާ ގުޅިގެން ފިލްމުގެ ނަން “ތޫ މެރީ ޒިންދަގީ ހޭ” އަށް ބަދަލުކޮށްފައިވާ ކަމަށް ޓީ-ސީރީޒްއިން ވަނީ ކޯޓުގައި ބުނެފައެވެ.

މި ފިލްމަކީ އާޝިގީ ފްރެންޗައިޒްއާ ގުޅުމެއް ނެތް އަމިއްލަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. ޕްރީތަމްގެ މިޔުޒިކް ހިމެނޭ މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވިފައިވަނީ 2026 ވަނަ އަހަރުގެ ތެރޭގައެވެ.