ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގައި ބަހައްޓާ ދެ ޕަމްޕު ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭނުން ކުރަން ފަށާފައި ވަނީ މަސްވެރިންގެ ޕާކުގައި ބެއްޓި ދެ ނަންބަރު ޕަމްޕު ސްޓޭޝަން ކަމަށެވެ. މީގެ އިތުރުން އެމްއެމްއޭ ސަރަހައްދުގައި ބަހައްޓާ ޕަމްޕު ސްޓޭޝަން (ސްޓޭޝަން 1) މިއަދު ބޭނުން ކުރަން ފަށާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި މޫސުމީ ބޯވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބަހައްޓާ މި ޕަމްޕު ސްޓޭޝަންތަކުގެ ސަބަބުން އެދެވޭ ހައްލެއް ލިބި، އެ ސަރަހައްދުގައި ފެން ހިންދުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިދިޔަ މަހު ނިންމައި ބޭނުންކުރަން ފެށި ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމާ ވެސް އެކުގައެވެ. އަދި އެ މަސައްކަތް މި މަހުގެ ނިޔަލަށް މުޅިން ނިމޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބާކީ ތަރައްގީނުކޮށް އޮތް ސަރަހައްދު ކަމަށްވ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މިހާރު ވަނީ ޕްލޭންކޮށްފައެވެ.