އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ގައުމަށް އިގުތިސާދީ ބޮޑު ގެއްލުމެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އިއްޔެ ނިއުޔޯކްގެ ފުލުހުންގެ އެކެޑަމީއެއްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާން ބަލިކުރުމަށްފަހު ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާނެއެވެ. އީރާނުގެ އިގުތިސާދަށް ބޮޑު ހަމަލާއެއް ދީ، ހަނގުރާމަ ހުއްޓާލުމަށް އެ ގައުމަށް މަޖުބޫރުކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިހާރު ވެސް އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ހުއްދައަކާ ނުލައި އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރެއް ނުކުރެވޭނެއެވެ. މީގެ އިތުރުން، އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު މުޅިން ކަނޑުވާލާފައިވާ ކަމަށް ޓްރަމްޕް ދައުވާކުރެއްވިއެވެ. އެގޮތުން އީރާނުގެ 159 އުޅަނދެއް ފައްތާލައި، 212 މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އީރާނުގެ ރާޑަރު ނިޒާމުތައް ހަލާކުކޮށްލައި، މިސައިލް އުފައްދާ މިންވަރު 82 ޕަސެންޓް ދަށްކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދެއްވައި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބާބާދީ ވިދާޅުވީ، އެމެރިކާގެ އިންޒާރުތަކަށް އީރާނުން ބިރުނުގަންނާނެ ކަމަށެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުމުގެ ބާރު އޮންނާނީ ހަމައެކަނި އީރާނަށެވެ. އިންތިހާބީ އެއްވުމެއްގައި ދައްކާ ވާހަކައަކުން ނުވަތަ މަތިންދާބޯޓު އުފުލާ މަނަވަރަކުން އެ ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ނުގެންދެވޭނެ ކަމަށް ވެސްސިނަ އޭނާ ވިދާޅުވިއެވެ.