ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކަކީ އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ ދީނީ އިލްމުވެރިންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިލްމުވެރިންގެ ބައްދަލުވުން 2026 އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ވެރިކަން ހިންގެވުމުގައި އިސްލާމްދީނުގެ ކަންތައްތަކަށް އެންމެ ބޮޑު އިސްކަމެއް ދިނުން ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށްވެސް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ދީނީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ވަކި ތަރުތީބަކުން ކުރިއަށް ގެންގޮސް، ރާއްޖޭގެ އެކި ރަށްރަށާއި ސަރަހައްދުތަކަށް އެންމެ ބޭނުންތެރި ކަންކަން ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްްޓުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި ސިލްސިލާގެ ދަށުން ފާއިތުވެދިޔަ ދެ އަހަރު ވަކި އިސްތިރާޖީ ހާއްސަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ އެންމެ މުހިއްމު މަސައްކަތަކީ ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތައް. މި މަސައްކަތްތަކުގެ އެންމެ މުހިއްމު ބައިވެރިންނަކީ ލޮބުވެތި އިލްމުވެރިން." ޝަހީމް ވިދާޅުވިއެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، ގައުމީ ފެންވަރުގައި ހުރި މުހިއްމު ދީނީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މިއަހަރު އިލްމުވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ ދެދުވަހުގެ މުއްދަތަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު" މި ތީމުގެ މައްޗަށެވެ. މި ބައްދަލުވުމުގެ ތެރެއިން ދީނީ އެކި މުހިއްމު މައުލޫތަކަށް ބަހުސްކުރުމާއި، ތަފާތު ދާއިރާތަކުން އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.
މިއަހަރުގެ ބައްދަލުވުމުގައި ޖުމްލަ 101 އިލްމުވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި 22 ޒުވާން ހަތީބުންނާއި، 13 އިމާމުންގެ އިތުރުން 24 އިސްލާމް މުދައްރިސުން ހިމެނެއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް