މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ 55 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޒަރީރު ވިދާޅުވީ، މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މުހިންމު މަޝްރޫއުތަކެއް ރާވާފައިވާ ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. ޒަރީރު ވިދާޅުވީ މިއީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"އޮފިސަރުންނާ، މުވައްޒަފުންގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކާ ތިން ކަމެއް މި ހިސާބަށް ސަރުކާރުން ވަނީ އަޅުގަނޑުމެންނަށް ކޮށްދެއްވާފަ. އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އަޅުގަނޑުމެންނަށް ލިބޭނެކަން ސަރުކާރުންވަނީ ޔަގީންކޮށްދެއްވާފަ" ޒަރީރު ވިދާޅުވިއެވެ.
މި ހިނގާ އަހަރަކީ ކަރެކްޝަންސްގެ ތާރީހުގައިއިވެސް ހިންގުން ހަރުދަނާކުރުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރާ އަހަރުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބޮޑީ ސްކޭން އަދި ބެގޭޖް ސްކޭން މެޝިންތައް ބެހެއްޓުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
މި ސަރުކާރުން ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކާއި، ހެލްތު ސްކީމުގެ ތެރެއިން ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ގައިދީން އިސްލާހުކޮށް މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތައްވެސް ހަރުދަނާކަމާއެކު ކުރިއަށްދާކަމަަށް އޭނާ ވިދާޅުވިއެވެ.
"ކަރެކްޝަންސްގެ އޮފިސަރުންނަކީ ގައުމީ ސަލާމަތަށްޓަކައި ވަރަށް ބުރަ، ނަމަވެސް ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއް" ޒަރީރު ވިދާޅުވިއެވެ.
އޮފިސަރުން އިހުލާސްތެރިކަމާއެކު ކުރަމުންދާ މަސައްކަތައް ތައުރީފު ކުރައްވާކަމަށް ޒަރީރު ވިދާޅުވިއެވެ. ކަރެކްޝަނަލް ސާވިސްއަކީ ގައުމީ ހިދުމަތުގައި ނަމޫނާ ދައްކާ، ވަރުގަދަ މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
ކޮމެންޓް