މެލޭޝިއާގެ ޕެނޭންގާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ދެމެދު ރާޔާ އެއާވޭސްއިން ހަފުތާއަކު ދެ ދަތުރު ކުރުމަށް ތާވަލުކޮށްގެން ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.

މިއީ ސައުތުއީސްޓް އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ރާޔާ އެއާވޭސްއިން ކުރިއަށްގެންދާ ދަތުރުތަކެކެވެ. މި ދަތުރުތައް ފެށުމާއެކު ދެކުނުއިރުމަތީ އޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުވެގެންދާނެ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތުދެއެވެ.

އެމްއޭސީއެލުން ބުނީ މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ބޯއިން 767-200 މަރުކާގެ ކާގޯ ބޯޓުފަހަރުގައި ކަމަށާއި މިއީ ވީއައިއޭއަށް ތާވަލުކޮށްގެން ވައިޑްބޮޑީ ކާގޯ ބޯޓެއްގައި ދަތުރުތައް ކުރަން ފެށި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ދަތުރުތަކުގައި ކޮންމެ ދަތުރަކު އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

14 އޯގަސްޓް 2026، ރާޔާ އެއާވޭސްއިން ރާއްޖެއަށް ކާގޯ ދަތުރުތައް ފެށުން -- ފޮޓޯ/ އެމްއޭސީއެލް

މި ދަތުރުތަކާއެކު ޕެނޭންގާއި މާލެއާ ދެމެދު ސީދާ ކާގޯ ގުޅުމެއް ގާއިމުވެ، މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތައް ފެށިފައިވާ ކަމަށާއި މި ދަތުރުތަކާއެކު ދާއިމީގޮތެއްގައި ކާގޯ އުފުލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އިންސައްތައާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ ކަމަށާއި މީގެ ސަބަބުން ކާގޯ ގުޅުވައިދޭ މުހިންމު މަރުކަޒެއްގެ ގޮތުގައި ވީއައިއޭގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ރާޔާ އެއާވޭސްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކޮށްގެން ކާގޯ ދަތުރުތައް ކުރާ ދެވަނަ އެއާލައިނެވެ. މިއީ އެއާޕޯޓުގެ ކާގޯ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުރި ފުރުސަތެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވީއައިއޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ އުފުލައިފައެވެ. މި ދަތުރުތައް ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބޭންކޮކް، ދުބާއީ އަދި ހަނޯއީއަށް ވަނީ ކޮށްފައެވެ. މިދިޔަ އަހަރު 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 އަށްވުރެ ގިނަ ޓަނުގެ ކާގޯ ވަނީ އުފުލައިފައެވެ.