(7 އޯގަސްޓުގެ އަދަދާ ގުޅޭ)
ރަށް ހިއްޕެވިތާ އަށްވަނަޔަށް ވީ ދުވަހު ހަވީރު ރަންބީރު ދުވާލު ހަތަރުދަމު ޝަކުންތަލާ ހޯއްދަވާން މަސައްކަތް ކުރައްވައިފައި އެނބުރި ވަޑައިގެންނެވި އިރު، ގަނޑުވަރުގެ ދޮރުމަތީގައި ސާދޫއެއް ހުއްޓެވެ. ރަންބީރަށް އޭނާ ފެނިވަޑައިގަތުމާ އެކު އެއީ ކާކުކަން އެނގިވަޑައިގެންފިއެވެ. އެއީ ޝަމްބޫނާތެވެ.
ރަންބީރު އޭނާގެ ހިތްޕުޅުގެ ތެޅުން މައިތިރި ކުރެއްވޭތޯ ބައްލަވަމުން ސުވާލު ކުރެއްވިއެވެ. "ޝަކުންތަލާގެ އެއްވެސް ޚަބަރެއް ލިބުނުހެއްޔެވެ؟"
ޝަމްބޫނާތު ހިތާމަވެރި ނަޒަރަކުން ރަންބީރާ ދިމާޔަށް ބަލައިލިއެވެ. އޭނާ ޖަވާބު އެރުވުމުގެ ބަދަލުގައި ބޯ ހޫރައިލިއެވެ.
+ + + +
"އަހަރެންގެ ބައްޕަ ކޮބައިބާވައެވެ؟ އަހަރެންގެ މަންމަޔަށް ވާނީ ކިހިނަކުން ބާވައެވެ؟" ނިރުމަލާ އަބަދުވެސް ވިސްނައިވަޑައިގަންނަވަނީ މި ސުވާލުތަކުގެ ޖަވާބާ މެދުގައެވެ. އޭނާގެ ކުރިފުޅުމަތީގައި އަނދިރިކަން ފިޔަވައި އެކައްޗެއް ވެސް ނެތެވެ. ރަންބީރުގެ ތަސްވީރު ބައެއް ފަހަރުފަހަރު އޭނާގެ ޚިޔާލީ ލޯފުޅުގެ ކުރިމައްޗަށް އާދެއެވެ. އޭނާއަށް އުއްމީދުގެ ފަނޑުފަނޑު އަލިކަމެއް ފެނިވަޑައިގަންނަވައެވެ. ނިރުމަލާއަށް އަންހެނެއްގެ ތޫނު ވިސްނުމުން ވަނީ ރަންބީރުގެ މޫނުފުޅުމަތީން އޭނާގެ އަޚްލާޤު ލަފާ ކުރެއްވިފައެވެ. ރަންބީރު އޭނާ ދެނެވަޑައިނުގަންނަވާ މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަހަރު އޭނާގެ ކޮޓަރިކޮޅަށް ވެދެވަޑައިގަތުމުން، ވަގެކޭ ހީފުޅު ކުރެއްވިގެން ބިރުފުޅު ގެންވަޑައިގެންނެވިއެވެ. ނަމަވެސް އެ އާދަޔާ ޚިލާފު ދަނޑިވަޅުގައި ވެސް، ރަންބީރުގެ ސިފަޔާއި ވައްތަރުކޮޅު އޭނާއަކީ ވަގެއް ނޫންކަން ނިރުމަލާއަށް ޔަޤީން ކުރުވުމަށް ފުދެއެވެ. ރަންބީރުގެ ވާހަކަފުޅުން އޭނާ އަކީ މޯހަންޗަންދުގެ ދަރިކަލުންކަން އެނގިވަޑައިގެންނެވުމުން، އޭނާ ބިރުފުޅު ގަތެވެ. އޭނާ ނުހަނު ބޮޑަށް ހާސްފުޅު ވެވަޑައިގަތެވެ. އޭނާ ވިސްނައިވަޑައިގަތެވެ. "ކަން ވެފައި ވާ ގޮތެއް ރަންބީރަކަށް އަދި އެނގިވަޑައެއްނުގަނެއެވެ. އޭނާއަށް އަހަރެންގެ ބައްޕައަކީ އޭނާގެ ބައްޕާފުޅުގެ ޤާތިލުކަން އެނގިވަޑައިގެންފި ކަމުގައި ވާނަމަ އަހަންނަށް ވާނީ ކިހިނަކުން ބާވައެވެ؟ ނަމަވެސް އެ ދަނޑިވަޅުގައި ވެސް ރަންބީރުގެ ސޫރަ ފެނިވަޑައިގަތުމުން އޭނާއަށް އިޙުސާސް ވެވަޑައިގަތީ، ޙަޔާތުގެ އެންމެ ހިތާމަވެރި ހިތި ޙަޤީޤަތްތަކާ ކުރިމަތި ވުމުން ވެސް މި ޒުވާނާ އަންހެނަކާ ދިމާޔަށް އަތްޕުޅު އުފުއްލަވައިނުލައްވާނެ ކަމެވެ. ރަންބީރަކީ ނިރުމަލާގެ އަރިހުގައި މާތް، ޤަދަރު ކުރެވޭ، އިތުބާރު ކުރެވޭ ދުޝްމަނެކެވެ. ރަންބީރު ހައްޔަރު ވުމުން ނިރުމަލާ އޭނާގެ ބައްޕާފުޅުގެ އަރިހުގައި ރަންބީރަށް އޯގާވެރި ވެވަޑައިގެންދެއްވުން އެދިވަޑައިގެން އާދޭސް ކުރެއްވީ އެހެން ވެގެންނެވެ. ޖޭކްރިޝަން ރަންބީރު ޤަތުލު ކުރައްވާން ފޮނުއްވުމުން، ނިރުމަލާ އޭނާގެ ޢުމުރުފުޅުގައި އެންމެ ފުރަތަމަ ފަހަރަށް ހިތްޕުޅުގެ އަޑީން ކީރިތި ކުރެއްވިއެވެ. އޭނާ ކީރިތި ކުރެއްވީ އޭނާގެ ބައްޕާފުޅުގެ ދުޝްމަން އަވަހާރަ ނުވެ ސަލާމަތް ވެވަޑައިގެންފާނެތީކީ ނޫނެވެ. އޭނާ ހިތާމަފުޅު ކުރެއްވީ އޭނާގެ އޭނާގެ ޙަޔާތްޕުޅުގައި އެންމެ ފުރަތަމަ ފަހަރު އޭނާއާ އެހައި ކައިރީން ދެކެވަޑައިގެންނެވި ފިރިހެން ބޭފުޅާ އަވަހާރަ ވެދާނެތީއެވެ. ރަންބީރު ފިލައިވަޑައިގެންފިކަން އޭނާއަށް އެނގިވަޑައިގެންނެވުމުން، އޭނާ އިންނެވީ އުފާފުޅުންނެވެ. އޭނާގެ ބައްޕާފުޅު ބިރުފުޅުން ކަންބޮޑު ވެވަޑައިގެން އުޅުއްވި އިރު ވެސް މެއެވެ. ޖޭކްރިޝަންގެ މީހުން ރަންބީރު ހޯދަމުން ގެންދިޔަ އިރު، އޭނާ އިންނެވީ ގަނޑުވަރުގެ ކޮޓަރިއެއްގައި ހުރި ބަގުވާނުގެ ބުދެއްގެ ކުރިމަތީގައި، ދެ އަތްޕުޅު ޖޯޑު ކުރައްވައިގެންނެވެ. ރަންބީރުގެ ސަލާމަތަށް އެދިވަޑައިގެން ދުޢާ ކުރެއްވުމުގައެވެ.
ވިދިގެން އައި ދުވަހު ނިރުމަލާއަށް އޭނާގެ ދުޢާފުޅު އިޖާބަ ވެއްޖެކަން އެނގިވަޑައިގެންފިއެވެ. ރަންބީރު ސަލާމަތް ވެވަޑައިގެން ވަޑައިގެންފިކަން އެނގިވަޑައިގެންފިއެވެ. ރަންބީރު އެ ވަޑައިގަތީ އަބަދަށް ޓަކައިކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އޭނާ އެދިވަޑައިގަންނަވަނީ ވެސް އެ ގޮތެވެ. ނަމަވެސް ރަންބީރުގެ ފަނޑު ތަސްވީރެއް އޭނާގެ ހިތްޕުޅުގައި ވަނީ ފިލުއްވައިނުލެއްވޭ ވަރަށް ބިންވަޅު ނެގިފައެވެ. ބައެއް ފަހަރުފަހަރު އެ ކުރެހުން އޭނާގެ ހިތްޕުޅުގެ އަޑިޔާ ހަމަޔަށް ފޯރައެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. "އެއީ މޯހަންޗަންދުގެ ދަރިކަލުން ކަމުގައި ނުވެފައި، މި ބާވަތުގެ ކޮންމެވެސް ހާދިސާއެއް އަހަރެމެން ދެ މީހުން އެކަކު އަނެކަކާ ކައިރިޔަށް ގެނައި ނަމަ، ދެން ވާނީ ކިހިނަކުން ބާވައެވެ!" އޭނާ އަމިއްލަފުޅަށް އޭނާގެ ނަފުސަށް މަލާމާތް ކުރައްވާން ފަށްޓަވައެވެ.
މިހާރު ނިރުމަލާ އެ އިންނެވީ ރަންބީރުގެ ރަޙުމާއި ދީލަތިފުޅުކަމުގެ ދަށުގައެވެ. ނުވަތަ ރަންބީރުގެ ބާރުފުޅާއި އަމުރުފުޅުގެ ދަށުގައެވެ. މި ގަނޑުވަރަކީ އޭނާގެ އަރިހުގައި ތަނަވަސް ޖަލެކެވެ. އޭނާގެ މަންމަ ވިދާޅުވާ ގޮތުން، ރަންބީރުގެ ބޭނުންފުޅަކީ އޭނާގެ ކޮއްކޯފުޅު ޝަކުންތަލާގެ ބަދަލުގައި އަބަދަށް ޓަކައި އެ ދެމައިކަނބަލުން ހައްޔަރު ކުރައްވައިފައި ބައިތިއްބެވުމެވެ. ނިރުމަލާގެ މަންމަ ވިދާޅުވެއެވެ. "ދަރިފުޅުގެ ބައްޕަ ކޮންމެވެސް ދުވަހަކުން އަހަރެމެން ދެމައިންނަށް ޓަކައި މިތަނަށް ވަޑައިގަންނަވާނެކަން ރަންބީރަށް އެނގިވަޑައިގަންނަވާނެއެވެ. އޭރުން ދަރިފުޅުގެ ބައްޕަގެ ކިބައިން ރަންބީރަށް ބަދަލު ހިއްޕެވޭނެއެވެ." ނަމަވެސް ނިރުމަލާގެ އިޙުސާސް އޭނާގެ މަންމައާ ތަފާތެވެ. އޭނާ ހުންނެވީ އޭނާގެ ބައްޕާފުޅާ މެދު ރަންބީރުގެ ހިތްޕުޅުގައި އެއްވެސް ރަޙުމެއް ނޯންނާނެކަން ޤަބޫލު ކުރައްވާން ތައްޔާރަށެވެ. ނަމަވެސް ރަންބީރު ބަދަލު ހިއްޕެވުމުގެ ޖޯޝުގައި އޭނާގެ ދުޝްމަނުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނަކީ ވެސް ރަޙުމު ކުރެއްވުން އެކަށީގެން ނުވާ ބައެއް ކަމުގައި ބައްލަވާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ. ނިރުމަލާ ޤަބޫލު ކުރައްވާ ގޮތުގައި ރަންބީރު އޭނާ އާއި އޭނާގެ މަންމައަކީ ކަމޭ ހިއްތަވާން އެކަށީގެންވާ ބައެއް ކަމުގައި ނުބެއްލެވި ކަމުގައި ވިޔަސް، އޯގާވެރިކަން ބެހެއްޓެވުން ޙައްޤު ބައެއް ކަމުގައި ބައްލަވާނޭކަން ޔަޤީނެވެ. ރަންބީރު އެ ބޭފުޅުންނާ މެދު ކަންތައް ކުރައްވާ ގޮތް ވެސް ނިރުމަލާގެ ޚިޔާލުފުޅުތަކަށް ތާއީދު ކުރެއެވެ. ދެ ކޮޓަރި ފިޔަވައި މުޅި ގަނޑުވަރު ވެސް ހުރީ އެ ބޭފުޅުންގެ ޙަވާލުގައެވެ. ރަންބީރުގެ ނޯކަރުން ވެސް އެ ބޭފުޅުންނަށް ބޭނުންފުޅު ވާ ކޮންމެ ކަމެއް ތަނަވަސް ކޮށްދެއެވެ. ރަންބީރުގެ ނޯކަރުން އެ ބޭފުޅުންނާ ވާހަކަ ދެއްކުމުގެ ބަދަލުގައި، ބޭރުގައި ތިބެގެން ވާހަކަ ދައްކަނީ ޚާދިމާއިންނާއެވެ. ރަންބީރުގެ ނޯކަރުން ޚާދިމާއިންނާ ސުވާލު ކޮށްގެން އެ ބޭފުޅުން ބޭނުންފުޅު ވާ ހުރިހައި އެއްޗެތިކޮޅުތަކެއް ހޯދައިދެއެވެ. ފަރީއްކޮޅު ވެސް ފޮނުއްވަނީ، އެ ބޭފުޅުންނަށް ބޭނުންފުޅު ވާ ވަރަށް ވުރެ މާ ގިނައިންނެވެ. މާ ރަނގަޅަށެވެ. ޖޭކްރިޝަންގެ ފައިސާ އާއި ރަންރިހި އަޅުއްވައިފައި ވާ ފޮށިކޮޅުތައް ގަނޑުވަރުގެ ކޮޓަރިއެއްގައި ހުއްޓެވެ. އެ ފޮށިކޮޅުތަކުގައި ވެސް އެއްވެސް މީހަކު ޖެހިވެސްނުލައެވެ.
އެ ބޭފުޅުންގެ ދުޝްމަނަކީ ކިތަންމެ ކޯފާ ގަދަވާ ގޮތް ވިޔަސް، ރީތި އަޚުލާޤުގެ ދާވަނި އަތްޕުޅުން ދޫކޮށްލައްވާނެ ބޭފުޅެއް ނޫންކަން މި ހުރިހައި ކަމަކުން ވެސް ނިރުމަލާއަށް ޔަޤީން ވެވަޑައިގަނެއެވެ. އަންހެން ބޭފުޅެއްގެ ޙައިޘިއްޔަތުން ނިރުމަލާއަށް ވަނީ ރަންބީރުގެ ރީތި އަޚްލާޤާއި މާތްކަމަށް އިޢުތިރާފު ވެވަޑައިގަންނަވާން މަޖުބޫރު ވެވަޑައިގެންފައެވެ. ނަމަވެސް ޖޭކްރިޝަންގެ ދަރިކަނބަލުންގެ ޙައިޘިއްޔަތުން، އޭނާއަށް އޭނާގެ ބައްޕާފުޅުގެ އެންމެ ބޮޑު ދުޝްމަނަށް ފަތަޙަ ލިބިވަޑައިގަންނަވާކަށެއް ރުހިވަޑައެއްނުގެންނެވެއެވެ. އޭނާގެ ބައްޕާފުޅުގެ އަތްޕުޅުން އެހައި ބޮޑަށް ޒަޚަމު ވެވަޑައިގެންފައި ހުންނެވި ބޭފުޅަކާ ގާތްކަމެއް އުފެއްދެވުމުގެ ޚިޔާލުފުޅަކީ ވެސް ނިރުމަލާއަށް އުފުއްލެވޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. އޭނާ ބޭނުންފުޅު ވަނީ ފިލައިވަޑައިގަންނަވާށެވެ. ގަވާލިޔާރުގައި އޭނާގެ މާބެ އެބަހުންނެވިއެވެ. މިހާރު އޭނާގެ ބައްޕާފުޅު ވެސް މާބެގެ އަރިހަށް ވަޑައިގެންފާނެކަން ނިރުމަލާއަށް އެނގިވަޑައިގަނެއެވެ. ބައެއް ފަހަރު ނިރުމަލާގެ ހިތްޕުޅަށް އަރައެވެ. "އަހަރެން މަންމަ ގޮވައިގެން ގަވާލިޔާރަށް ދާން ބޭނުން ވާހަކަ ދަންނަވައިފި ކަމުގައި ވާނަމަ، ރަންބީރު އެކަމަކަށް ހުރަހެއް ނާޅުއްވާނެއެވެ. އޭނާ އަހަރެމެން މިތާނގައި ބައިތިއްބަވަނީ އަހަރެންގެ ބައްޕާފުޅު ގެއްލިފައި ވާތީ، އަހަރެމެން ތިބޭނެ ތަނެއް ނެތްކަމަށް ހީފުޅު ކުރައްވައިގެން ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެއް ރެޔަކު ނިރުމަލާ ވަރަށް ގިނަ އިރު ވާންދެން އެކަމާ ވިސްނައިވަޑައިގަންނަވާން އިންނެވިއެވެ. އިރު އެރުމާ އެކު އޭނާގެ ޚާދިމާއެއްގެ އަތަށް ގަހަނާތަކެއް އަޅައިފައި އޮތް ކޮތަޅެއް ދެއްވައިފައި ރަންބީރުގެ އަރިހަށް ފޮނުއްވައިލެއްވިއެވެ. އެ ގަހަނާތަކަކީ ޖޭކްރިޝަން ރަންބީރު ހައްޔަރު ކުރެއްވި ރޭ އޭނާ ނިރުމަލާގެ އަރިހަށް ދޫ ކުރެއްވި ގަހަނާތަކެވެ.
ޚާދިމާ ރަންބީރުގެ އަރިހުން އެނބުރި އައިސް ނިރުމަލާގެ އަރިހުގައި ދެންނެވިއެވެ. "އޭނާ މި ގަހަނާތަކަކު ނުހިއްޕެވިއެވެ. އޭނާ ވިދާޅުވީ ދެއްވައިފި އެއްޗެއް އަނބުރައި ނާތުލައްވާނެ ކަމުގައެވެ. އަޅުގަނޑު މާ ބޮޑަށް ގަދަ އަޅާން ފެށުމުން، އޭނާ ވިދާޅުވިއެވެ. "ކަލާކޮށްޓަކައި އަހަންނަށް އުނދަގޫ ނުކުރާށެވެ." އޭނާ އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ."
ނިރުމަލާއަށް ހުންނެވެނީ ރަންބީރުގެ ޚިޔާލާތާ އެތަކެއް ހާސް މޭލުގެ ދުރުގައިކަން އޭނާޔަށް އެންމެ ފުރަތަމަ ފަހަރަށް އިޙުސާސް ވެވަޑައިގެންފިއެވެ. އެ ބޭފުޅަކަށް އޭނާ ނަފުރަތު ފައުޅު ކުރައްވާން ބޭނުންފުޅު ވާ ބޭފުޅާ، އޭނާއަކީ ދުނިޔޭގައި އިންނެވި ބޭފުޅެއް ކަމުގައި ބައްލަވާން ވެސް ޤަބޫލުފުޅެއް ނޫންކަން އެނގިވަޑައިގެންފިއެވެ.
ނިރުމަލާގެ މަންމަގެ ޙާލުކޮޅާ މެދު ނިރުމަލާއަށް ވުރެ ވެސް ބޮޑަށް ރަޙުމު ކުރުން އެކަށީގެން ވެއެވެ. އޭނާ ފިރިކަލުންގެ ހިތާމަފުޅާއި ދަރިކަނބަލުންގެ މުސްތަގުބަލާ މެދު ކުރައްވާ ފިކުރުފުޅުގެ ސަބަބުން ވިރެމުން ދަނީއެވެ. އޭނާ ރަންބީރުގެ ފަރާތްޕުޅުން އެއްވެސް ހެވަކަށް އުއްމީދެއް ނުކުރައްވައެވެ. ރަންބީރަކީ އެކަމަނާގެ އަރިހުގައި ހަމައެކަނި އެކަމަނާގެ ފިރިކަލުންގެ ލޭފޮދަށް ދަހިވެތި ވެފައި ހުންނެވި ބޭފުޅެއް ނޫނެވެ. އަދި ކީއްތޯއެވެ! އޭނާ އަކީ ހިންދީ މުޖުތަމަޢުގެ ބާޣީއެކެވެ. ވަޒަނުގެ ދުޝްމަނެކެވެ. އެކަމަނާގެ އެންމެ ފަހުގެ އުއްމީދަކީ އެ ބައެއްގެ އެހީގައި ރަންބީރު އެކަމަނާގެ ފިރިކަލުންގެ މައްޗަށް ފަތަޙަ ހޯއްދެވި މީހުން، ގުނޫޖާއި އަވަށްޓެރި ދައުލަތްތަކުގެ ސިފައިންގެ އަތުން އެންމެ ފަހުން ބަލި ވުމެވެ. އެކަމަނާގެ ފިރިކަލުން ގުނޫޖުގެ ރަސްގެފާނުގެ އެހީފުޅުގައި އަލުން އެރަށް ހިއްޕެވުމެވެ. އެހެންކަމުން، އެކަމަނާ ހެނދުނާއި ހަވީރު، މުސްލިމުން ބަލި ވުން އެދިވަޑައިގެން ދުޢާ ކުރައްވައެވެ. މަޑުމަޑުން ގޮސް ނިރުމަލާގެ ޚިޔާލުފުޅު ވެސް އޭނާގެ މަންމައާ އެއްގޮތް ވެއްޖެއެވެ. ރަންބީރު ދީނަށް ބަޣާވާތްތެރި ވެވަޑައިގަތުމާއި ވަޒަނުގެ ދުޝްމަނަކަށް ވެވަޑައިގަތުމުގެ ސަބަބުންނެވެ. ރަންބީރަށް އެންމެ ބޮޑެތި އަދަބުތައް ލިބިވަޑައިގަތުން ޙައްޤު ކަމުގައި ޤަބޫލު ކުރެއްވިއްޖެއެވެ.
އެއްދުވަހަކު ނިރުމަލާގެ މަންމަ އޮންނެވީ ވަރަށް ގަދަ ހުންފުޅެއްގައެވެ. އެކަމަނާ ނިރުމަލާގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ! އިސްލާމީ ލަޝްކަރު ބަލިވާނެކަން މަންމަޔަށް ޔަޤީނެވެ. ދަރިފުޅުގެ ބައްޕަ ރަސްގެފާނުގެ ލަޝްކަރު ގޮވައިގެން ވަޑައިގަންނަވާނެއެވެ. ނަމަވެސް މޯހަންޗަންދުގެ ދަރިކަލުންގެ ނިމުން ފެންނާންދެން މަންމަޔަށް ދުނިޔޭގައި އިނދެވޭނެކަމެއް ނޭނގެއެވެ."
"ނޫނެކެވެ! މަންމާއެވެ!" ނިރުމަލާގެ މަންމަގެ ނިތްކުރިފުޅުގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "ތިޔަ ކަހަލަ ވާހަކަ ނުދައްކަވާށެވެ. މަންމަ ވަރަށް އަވަހަށް ރަނގަޅުފުޅު ވެދާނެއެވެ."
މަންމަ ވިދާޅުވިއެވެ. "ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕަ އަހަރެމެން ދެމައިން ދުޝްމަނުންގެ އަތްމައްޗަށް ދޫ ކޮށްލައްވައިފައި ފިލައިވަޑައިގަތީ ޣީރަތެއް ނެތިގެން ކަމަށް ދަރިފުޅު ދެކެމުހެއްޔެވެ؟ ނަމަވެސް ދަރިފުޅަށް ވެސް އެނގޭނެ ފަދައިން، އޭނާއަކަށް ގިނިކަންޏާ މިއޮތްހައި މީހުންނަކާ ހަނގުރާމައެއް ނުކުރެއްވޭނެއެވެ. އޭނާ ހުންނަވާނީ ރަނގަޅު ފުރުޞަތަކަށް އިންތިޒާރު ކުރައްވަކުރައްވައެވެ."
ޚާދިމާއެއް ދުވެފައި އައިސް ކޮޓަރިއަށް ވަދެ ދަންނަވައިފިއެވެ. "ގަނޑުވަރުގެ ކައިރިއަށް ރަށުގެ މީހުންތައް އެބަ އެއްވެއެވެ. ރަންބީރުގެ ސިފައިން އަސްމަތީގައި ބޭރަށް އެބަ ނުކުމެއެވެ. ރަންބީރުގެ ނޯކަރަކު ބުނި ގޮތުގައި އޭނާ ކޮންމެވެސް ދުރު ތަނަކަށް ވަޑައިގަންނަވަނީއެވެ. މި ހިސާބުގަނޑުގެ ވަރަށް ގިނަ އަމީރުން ވެސް އެ ބޭފުޅުންގެ ލަޝްކަރާ އެކު ރަންބީރުގެ އަރިހުގައި އެބަ ވަޑައިގަންނަވައެވެ. މިއަދު ހެނދުނު ވަރަށް ގިނަ އަމީރުން ރަންބީރުގެ އަރިހަށް ވަޑައިގެންނެވި ވާހަކަ އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ؟"
ނިރުމަލާ ވިދާޅުވިއެވެ. "މަންމާއެވެ! ހީވަނީ މާތް ކަލާނގެ މަންމަގެ ދުޢާ އައްސަވައިވޮޑިގެންފި ހެންނެވެ. މުސްލިމުން ބަލި ވެއްޖެކަން އަޅުގަނޑަށް ޔަޤީނެވެ. ރަންބީރު މިހާރު އެ އުޅުއްވަނީ ފިލައިވަޑައިގަންނަވާން ވެގެންނެވެ. ރަންބީރުގެ ހިތްޕުޅު ހަމަ ޖެއްސެވުމަށް ޓަކައި ރަސްގެފާނާ އެހީ ވުމަށް ސިފައިން ނުފޮނުއްވި އަމީރުން ވެސް މިހާރު ތިއްބަވާނީ ރަސްގެފާނުގެ ކޯފާއާ މެދު ބިރުފުޅުން ފިލައިވަޑައިގަތުމުގެ ޚިޔާލުފުޅުގައެވެ."
އެ ވަގުތު ދެވަނަ ޚާދިމާއެއް މާނޭވާ ލަމުން ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ބޭރަށް ދިޔައީ ރަށުގެ ބޭސްވެރިޔެއްގެ އަތުން ނިރުމަލާގެ މަންމަޔަށް ބޭސް ހޯދުމަށެވެ. އޭނާ ބުންޏެވެ. "ތިޔަ ބޭފުޅުން ޚަބަރު އައްސަވައިފީމުތޯއެވެ؟ މުސްލިމުން ބާރީ ފަތަޙަ ކޮށްފިއެވެ. ރަސްގެފާނު ފިލައިވަޑައިގެންފިއެވެ. މިހާރު އިސްލާމީ ލަޝްކަރު އުޅެނީ ކަލަންޖަރަށް ޙަމަލަ ދޭން ވެގެންނެވެ. ރަންބީރު މި ހިސާބުގަނޑުގެ ވަރަށް ގިނަ އަމީރުންނާ އެކު މުސްލިމުންނާ އެހީ ވެވަޑައިގަތުމަށް ވަޑައިގަންނަވަނީއެވެ."
ނިރުމަލާ އާއި އޭނާގެ މަންމަޔަށް އެސްފިޔަފުޅު ވެސް ޖައްސަވައެއްނުލެއްވުނެވެ. އެ ދެމައިކަނބަލުން ތިއްބެވީ ޚާދިމާއާ ދިމާޔަށް ބައްލަވާށެވެ. ކުއްލިޔަކަށް ޚާދިމާއެއް ހަޅޭއްލަވައިގެންފިއެވެ. "ނިރުމަލާއެވެ! ނިރުމަލާއެވެ! ތިޔަ ބޭފުޅާގެ މަންމަޔަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ."
"މަންމާއެވެ! މަންމާއެވެ!" ނިރުމަލާ އޭނާގެ މަންމަގެ އަތްޕުޅުގައި ހިއްޕަވައި ތަޅުއްވައިލައްވައިފައި ވިދާޅުވިއެވެ. ނަމަވެސް އެކަމަނާގެ ލޯފުޅު ފިޔަވައި ހަށިކޮޅުގެ އެއްވެސް ތަނެއްގައި އެއްވެސް ޙިއްސެއް ނެތެވެ. އިރުކޮޅަކުން ޝަމްބޫނާތު ބޭސްވެރިޔަކު ގޮވައިގެން އަތުވެއްޖެއެވެ. ބޭސްވެރިޔާ ބުނި ގޮތުގައި ނިރުމަލާގެ މަންމަޔަށް ވާބަލި ޖެހިވަޑައިގަތީއެވެ.
ދިހަވަނަޔަށް ވީ ދުވަހު، ނިރުމަލާގެ މަންމަ އެކަމަނާގެ އެންމެ ފަހު ނޭވާފުޅު ދޫ ކޮށްލެއްވި އިރު، އެކަމަނާގެ ލޯފުޅު ހުއްޓިފައި ވަނީ ދަރިކަނބަލުންގެ މޫނުފުޅަށެވެ. އޭނާގެ ލޯފުޅުގައި ވަނީ ނިރުމަލާއަށް ދުވަހަކުވެސް ހަނދުމަފުޅު ނައްތަވައިނުލެއްވޭނެ މެސެޖެކެވެ. އެކަމަނާ އަވަހާރަ ވުމުން ނިރުމަލާ އެކަމަނާގެ މޭފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި ވިދާޅުވަމުން ގެންދެވިއެވެ. "މަންމާއެވެ! އަޅުގަނޑު މަންމަގެ ބަދަލު ހިފާނަމެވެ. އަޅުގަނޑު މަންމަގެ ދުޝްމަނަށް ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ. އަޅުގަނޑު ކަލާނގެ ރަސްކަންފުޅު ގަން ދެމެވެ. އެކަލާނގެ ދޭވަތާއިން ގަން ދެމެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް